72 އިންސައްތަ އަންހެނުންނަށް ނުރަ އިސްތަށި ހުންނަ ފިރިހެނުން ކަމުދޭ: ދިރާސާ

72 އިންސައްތަ އަންހެނުންނަށް ނުރަ އިސްތަށި ހުންނަ ފިރިހެނުން ކަމުދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ޑޭޓިން ވެބްސައިޓެއް ކަމަށްވާ، މެޗް.ކޮމް އިން ކުރި މި ދިރާސާގައި ބައިވެރިވި 72 ޕަސެންޓު އަންހެނުން ބުނެފައި ވަނީ ބޮލާއި ތުނބުޅި އަދި މަތިމަހުގައި ނުރަ އިސްތަށި ހުންނަ ފިރިހެނުން އެމީހުންނަށް ބޮޑަށް ކަމުދާ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވި އަންހެނުން ވަނީ އެހެން ބައެއް ކަންކަންވެސް ފާހަގަކޮށްފަ އެވެ. އެ ގޮތުން ނުރަ އިސްތަށި މޫނު މަތީގައި ހުންނަ ފިރިހެނުން ކަމުދިޔަ ނަމަވެސް، އޭގެ ސަބަބުން އުމުރުން ދުވަސްވެފައިވާކަން ނުވަތަ މުސްކުޅިވެފައިވާކަން ހާމަވާ ނަމަ އެހާ ގަޔާ ނުވާކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މޫނުމަތީގައި އިސްތަށި ހުންނަ ސްޓައިލާއި އެތުރިފައި ހުންނަ ގޮތްވެސް އެފަދަ ފިރިހެނުން ކަމުދިޔުމާއި ނުދިޔުމުގައި މުހިންމު ދައުރެއް ކުޅޭކަން ދިރާސާއިން ވަނީ އެނގިފަ އެވެ. އެ ގޮތުން މުޅި މޫނުމަތީގައި ދިގުކޮށް ނުރަ އިސްތަށި އެއްވެސް ތަރުތީބެއް ނެތި ހުރުމުގެ ބަދަލުގައި މެދުމިންވަރެއްގެ ދިގުމިނުގައި ތުނބުޅި މަތިމަސް ހިމެނޭ ސަރަހައްދުގައި އެކަނި ހުރުމުން ބޮޑަށް ކަމުދާ ކަމަށް ގިނަ އަންހެނުން ބުނެފައިވެ އެވެ.
ނުރަަ އިސްތަށި ހުންނަ ފިރިހެނުން ގިނަ އަންހެނުންނަށް ކަމުދާ ސަބަބާ ގުޅޭ ގޮތުން ވެސް ދިރާސާ ކުރާ ބައެއް މީހުން ވަނީ ވާހަކަދައްކައިފަ އެވެ. އެންމެ މުހިންމު އެއް ސަބަބެއްގެ ގޮތުގައި ދިރާސާވެރީން ފާހަގަކޮށްފައިވާ ކަމަކީ، ފިރިހެނުންގެ މޫނުމަތީން އެގޮތަށް ނުރަ ފެންނަން ހުރުމުން، އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވުމެވެ. ހަޔާތަށް ސީރިއަސް ބައިވެރިޔަކު އިހުތިޔާރު ކުރާއިރު، ތިމާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭ، ހަރުދަނާ ފިރިހެނަކު ހޯދުމުގެ ވިސްނުމަކީ އަންހެނުން އިސްކަން ދޭ ވިސްނުމެއް ކަމަށް ދިރާސާތަކުން އެނގެ އެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި، ދިރާސާވެރީން ފާހަގަކޮށްފައިވާ އެއް ކަމަކީ، "މެޗުއަރިޓީ" ނުވަތަ ތަސައްރަފު ފުދިފައިވާ ހަރުދަނާ މީހެއްގެ ގޮތުގައި އަންހެނުން ބަލައިގަންނަ އެއް ނިޝާނުގެ ގޮތުގައި މޫނުމަތީން ނުރަ ފާޅުވާން ހުރުން ހިމެނިފައި ވުމެވެ. ގިނަ މީހުންގެ ހަށިގަނޑުގައި ނުރަ ޖަހާން ފަށަނީ އުމުރުން ދުވަސްވީމަ އެވެ. އެހެން ނަމަވެސް ޒުވާން އުމުރުގައި ނުވަތަ ހަރު އުމުރަށް ދިޔުމުން ވެސް ނުރަ ޖެހުމަކީ އެމީހާގެ ހަރުދަނާކަން ފާޅުވާ ކަމެއްގެ ގޮތުގައި އަންހެނުން ގަބޫލު ކުރަނީ ކަމަށް ދިސާރާކުރާ މީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ