މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޖުމްހޫރީ އޮޑި ބަނދަރުކުރާނީ ރައްޔިތުންގެ ވެރިކަމެއް ގާއިން ކުރުމަށްފަހުކަމަށް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް ސިޔާސީ އިސްލާހީ ބަދަލުތަށް ގެނައުމަށް ގާސިމް އިސްވެ ހުންނަވައިގެން ސިޔާސީ އެތައް ހަރަކާތެއް ހިންގާފައިވާނެކަމުގައެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނުކުތީ ވަގުތުވަރަށް ކުޑަތަންވެފައިވަނިކޮށްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ އިންތިހާބްގައި ފުރަތަމަބުރުން އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބު ނުލިބުމުން ވަތަން އެދޭގޮތަށް ކޯލިޝަނުގައި އެމްޑީޕީއާއިއެކު ކޯލިޝަންހެދީ ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް ކަމުގައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ބައިވެރިވި ކޯލިޝަނަށް ވެރިކަން ލިބުމަށްފަހު އެކޯލިޝަންގެ ރައީސް ( ރައީސް ނަޝީދު) މަސައްކަތް ޕުޅުކުރައްވަމުން ގެންދެވީ ގައުމުގެ ހަރުމުދާތައް ވިއްކާ ނީލަމަށް ލުމަށްކަމަށާއި ގައުމުގެ އިސްތިގްލާލު ނަގާލުމަށްކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ރައްޔިތުން އެދޭ ބަދަލު އެވެރިކަމުން ނުފެނުމުން ގައުމަށް އިސްލާހު ގެނައުމަށް ފެއްޓެވި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވުމަށް ނިންމެވިކަމަށް ގާސިމް ވިދާޅުވިއެވެ.
"ދިވެހި ލޮބްވެތި ދަރިންގެ ހައްގުގައި އަޅުގަނޑުފެށި އިސްލާހީ ދަތުރު މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބަކަށްވެއްޖެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގަ ދިވެހިންއެދޭ އުފަލާއި ހިތްހަމަޖެހިމާއި ތިޔާގިކަން ގެނެސްދީ ގައުމު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކޮށްދިނުމަށް ކަމަރު ބަނދެގެން ޖުމްހޫރީ ޕާޓީން މިވަނީ ދަތުރުފަށާފައި" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ އޮޑި ބަނދަރުކުރާނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކޮށްދީފަ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ