ރިޔާސީ އިންތިހާބުގެ ކުރިން ޑީއާރުޕީގެ ޕްރައިމަރީއެއް ބޭއްވުމަށް ޒައީމު މައުމޫން ތާއީދު ކުރައްވާނެ ކަމަށް އުމަރުގެ ފެކްޝަނުން ބުނެފި

އަންނަ ރިއާސީ އިންތިހާބުގެ ކުރިން ޑީއާރުޕީގެ ރިޔާސީ ޕުރައިމަރީއެއް ބާއްވާ ގޮތަށް އަސާސީ ގަވާއިދު އިސްލާހުކުރެއްވުމަށް ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވާނެ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ފެކްޝަނުން މިއަދު ބުނެފި އެވެ.މި މަހުގެ 18 އިން 20 އަށް އުމަރުގެ ފެކްޝަނުން ޒައީމް މައުމޫނާ މެލޭޝިޔާގައި ބައްދަލުކުރެއްވި  ބައްދަލު ކުރެއްވުމާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރުމަށް އުމަރުގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އުމަރު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތިލާނީ ޕާޓީގެ ލީޑަރުކަމަށް އޮންނަ އޮތުން ބަދަލުކޮށް ޕާޓީގެ މެންބަރުންގެ ޕުރައިމަރީއަކުން ރިޔާސި ކެންޑިޑޭޓަކު ހޮވުމަށް 2012 ވަނަ އަހަރު އޮންނަ ކޮންގުރެސްއަށް ހުށަހަޅުއްވާނެ ކަމަށާއި ޒައީމް މައުމޫނު އެކަމަށް ތާއީދު ކުރައްވާނެކަން އެ ބޭފުޅުންނަށް ޔަގީންވެ ވަޑައިގަންނެވި ކަމަށެވެ."އެ މަނިކުފާނު ތާއީދު ކުރައްވާނެ ޕުރައިމަރީއަކަށް. ޕުރައިމަރީގައި ޕާޓީގެ މެންބަރުން ރިޔާސީ ކެންޑިޑޭޓު ހޮވާގޮތަށް ތާއީދު ކުރައްވާނެ. އެކަން މައުމޫން ވަޑައިގެންފައި ހުށަހަޅުއްވާނެ،" އުމަރު ވިދާޅުވި އެވެ.އަންނަ ރިއާސީ އިންތިހާބުގައި ޑީއާރުޕީ ތަމްސީލު ކުރުމަށް އެ ޕާޓީގެ މިހާރުގެ ލީޑަރު ތަސްމީނު އަލީ، ކުރީގެ ރައީސް މައުމޫން އެންޑޯޒް ނުކުރައްވާނެ ކަމުގެ 100 ޕަސެންޓް ގެރެންޓީ އެބައޮތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފު ވަނީ ތަކުރާރުކޮށް މިއަދުގެ ނިއުސް ކޮފަރެންސްގައި ވެސް ވިދާޅުވެފަ އެވެ."އަޅުގަނޑު މިދަންނަވަނީ ތަކުރާރުކޮށް މިހާރު ކަންތައް އޮތް ގޮތުން މައުމޫނު ތަސްމީނަށް އެއްގޮތަކަށް ވެސް ތާއީދެއް ނުކުރައްވާނެ. އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން ދެން،" މަހުލޫފު ވިދާޅުވި އެވެ.ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ޕާޓީގެ ތެރޭގައި އުމަރާއި ތަސްމީނާ ދެމެދު މައްސަލަ ޖެހެން ޖެހޭ ހަމައެކަނި ކަމަކީ ތަސްމީން ޕާޓީގެ ގަވާއިދަށް ފުރިހަމައަށް އަމަލުނުކުރެއްވުން ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ޕާޓީގެ ކޮންގުރެސް ބޭއްވުމާ ދެކޮޅު ހެއްދެވުން ކަމަށެވެ."ޕުރައިމަރީއެއް 2012 ގައި ބާއްވަން ޖެހޭ ކަމަށް އަސާސީ ގަވާއިދު ބުނާ އިރު އެ ބޭފުޅާ ވަރަށް ފަހުން ވެސް ވިދާޅުވި މިއޮތީ ރިޔާސީ އިންތިހާބެއް ބޯމަތި ވެފައޭ ކިހިނެއްހޭ ޕުރައިމަރީއެއް ބޮޑު ހަރަދުކޮށްގެން ބާއްވާނީ. މިއީ ހުރިހާ ވެސް މައްސަލައަކީ. ލިޔެފައި އޮންނަ އެއްޗަކަށް އަމަލު ނުކުރުން،" އާރިފް ވިދާޅުވި އެވެ.މިއަދުގެ އެ ނިއުސް ކޮންފަރެންސްގައި އުމަރުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ތަސްމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ ތަސްމީނުގެ ލީޑަޝިޕް އެއްގޮ ތަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ."އެންމެ ފުރަތަމަ ދުރަށް ޖެހިވަޑައިގަތީ ގާސިމް. ދެން އެހެންގޮސް ފަހަރަކު މީހެއް. ތަސްމީނަކަށް އެނގިވަޑައެއް ނުގަންނަވާ އެންމެނާ ގުޅިގެން މަސައްކަތް ކުރާކަށް،" މަހުލޫފު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މައުމޫނު މި މަހުގެ 31 ވަނަ ދުވަހުގެރޭ މާލެ ވަޑައިގަންނަވާނެ ކަމަށާއި ވަޑައިގެން ޕާޓީގެ ކައުންސިލްގެ އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި އެ ބޭފުޅުން ވެސް ޒައީމުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ."އަޅުގަނޑުމެން މިތިބީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ރޫހުގައި. އަޅުގަނޑުމެން ފެންނާނެ ޒައީމުގެ ފަހަތް ޕުޅުން. އިހަށް މި މައްސަލަތަކުގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކާނަން،" އުމަރު ވިދާޅުވި އެވެ.ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް މެންބަރަކު ވަނީ ޒައީމް ވަކި އެއްޗެއް ވިދާޅުވި ކަމަށް ވިދާޅުވުމަށް ފަސްޖެހިވަޑައިގެންފަ އެވެ. އެ އޭގެ ބަދަލުގައި އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ، ރައީސް މައުމޫނާ ބައްދަލު ކުރެއްވުމުން އެ ބޭފުޅުންނަށް ދޭހަވި އެއްޗިއްސަކީ އެއީ ކަމަށެވެ. ނަމަވެސް މަހުލޫފު ވިދާޅުވީ މީޑިއާ އަށް ހާމަ ނުކުރެވޭނެ ވަރަށް ގިނަ އެއްޗެތި ހުންނާނެ ކަމަށެވެ."އަޅުގަނޑުމެނަށް ހުންނާނެ މީޑިއާގައި ދެއްކޭނެ ވާހަކަ. އަޅުގަނޑުމެން ޒައީމް ވިދާޅުވި ވަރަށް ގިނަ އެއްޗިހި ސިއްރުކޮށްގެން މިތިބީ." މަހުލޫފު ވިދާޅުވި އެވެ.އުމަރު ނަސީރުގެ ފެކްޝަނުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރި ވަނީ އުމަރުގެ އިތުރުން ނާއިބު ލީޑަރު އިލްހާމު އަހުމަދާއި މަހުލޫފުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ