ރައްޔިތުން އެދެނީ އެމްޑީޕީގެ ވެރިކަމެއް އޮތުމަށް: އަބްދުﷲ ޝާހިދު

ވޭތުވެދި ދިޔަ ދުވަސްތަކުގެ ތަޖުރިބާއަށް ބަލާފައި ރައްޔިތުން އެދެނީ މިވަގުތު ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް އޮތުމަށް ކަމަށާއި އެޕާޓީއަށް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"އާބާރެއް އެއްބުރުން" ނަމުގައި ލ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހަވީރު ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ ފުރަތަމަ އަމާޒަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ނެތް ދާއިރާތަކުން އެޕާޓީއަށް ތާއީދު އިތުރުކުރުން ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ވަރަށް ފުރިހަމަ ގޮތެއްގައި މިހުރިހާ ރަށަކުންވެސް އަޅުގަނޑުމެންނަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭވަރަށް ވޯޓްގެ ނަތީޖާ ބަދަލުކޮށްލުން. މިދަތުރުގައި ދޮރުން ދޮރަށް ހިނގުމާއި ކަންތައްތައް އަޅުގަނޑު ކުރިއަށް ގެންދާނަން. ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުކޮށް އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ، އެމްޑީޕީގެ ވެރިކަމެއް އެއީ މިވަގުތު ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާހުރި ގޮތްކަމަށް ވިސްނައިދިނުން އަޅުގަނޑުގެ މަސައްކަތަކީ،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އަބްދުﷲ ޝާހިދު ވިދާޅުވީ "މާބާރަށް ރައްޔިތުންގެ ތާއީދު" އެމްޑީޕީއަށް އިތުރުވަމުންދާކަމަށާއި އެހެން އެކަން ދިމާވަނީ އެޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ކަމުދާތީކަމަށެވެ. އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވީ ވަރަކަށް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް އެދޭ ރައްޔިތުން އިތުރުވަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"ގަބޫލުކުރެވިގެން ހިގައްޖެ ރައްޔިތުންނަށް ފައިދާހުރި މެނިފެސްޓޯއެއް ރައްޔިތުން ކުރިމައްޗަށް ގެނެސްދިން ބަޔަކީ އެމްޑީޕީކަން. އަދި ހަމަ އެއާއެކު ރައްޔިތުންނަށް ފެނިގެން ހިގައްޖެ މީގެކުރިން ތިން އަހަރުގެ ތެރޭގައި އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދީފައިހުރި މަސައްކަތްތައް،" ޝާހިދު ވިދާޅުވިއެވެ.
ލ.އަތޮޅަށް އެމްޑީޕީން މިއަދު ފެށި ކެމްޕެއިން ދަތުރުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީ ޕާލިމެންޓްރީގެ ގްރޫޕްގެ ބައެއް އެހެން މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ