ގައުމުގެ އިގްތިސާދުގެ ހަމަޖެހުމަށާއި އިޖުތިމާއީ ފޭރާން ރައްކާތެރިކުރުމަށް މަޖިލީހުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ކޯލިޝަނަށް ރައްޔިތުން ދޭންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ހެންވޭރު އުތުރު ދާއިރާގެ ޕްރޮގްރެސިވް ކޯލީޝަންގެ ކެންޑިޑޭޓު މާޒް އަހްމަދު ސަލީމްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް އިބުރާހީމް ވިދާޅުވީ ކޯލިޝަނުން ކުރިމަތިލައްވާ ހުރިހާ ބޭފުޅުންނަށް ރައްޔިތުން ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ތަނަކުން ވެސް މިއަދު އިދިކޮޅު ފިކުރު ފޮހެވެމުންދާތީ މަގުމައްޗަށް ނިކުންނަން އަނެއްކާވެސް މިއަދު އެމީހުން މަސައްކަތް ކުރަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ގާސިމް އިބުރާހިމް އިތުރަށް ވިދާޅުވީ ގައުމެއްގެ ހަލާކަށް ޖާގަދޭން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި އެކަން އެގޮތަށް ނުވުމަށްވެސް ކޯލިޝަނަށް ވޯޓުދޭންޖެހޭ ކަމަށެވެ.
ގާނޫނު އަސާސީގައި ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހުރިހާ ކަމެއް ބަޔާންކޮށްފައިވާއިރު ބާރުތައް ވަކިކުރަން ކަމަށް ބުނެ ބަޔަކު މަސައްކަތް ކުރުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ހެންވޭރު އުތުރު ދާއިރާގެ ކެންޑިޑޭޓް މާޒް ސަލީމާ ގުޅޭގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ ސަލީމަކީ ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެދާއިރާއަށް އެންމެ އެކަށޭނަ ކެންޑިޑޭޓަކީވެސް ސަލީމް ކަމަށެވެ.
މިރޭގެ ޖަލްސާގައި ސަލީމް ވިދާޅުވީ ހެންވޭރު އުތުރު ދާއިރާގެ ތަރައްގީއަށްޓަކައި ރައްޔިތުންނާއި ގުޅުންހުރި ގިނަ ބިލްތަކަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން ދިރިއުޅެމުންދަނީ ގޯތި ގެދޮރުގެ ދަތިކަން އިންތިހާއަށް ތަހައްމަލު ކުރަމުން ކަމަށާއި، އެހެންވީމާ ގޯތި ގެދޮރާއި ގުޅޭގޮތުން މިހާރު އޮތް ގާނޫނަށް އިސްލާހު ހުށަހަޅުއްވައި ގޯތި ގެދޮރުގެ ދަތިކަން ދާއިރާއިން ފިލުވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދާއިރާގައި ތިބި ކުދި ވިޔަފާރިވެރިންނަށް ރަނގަޅު ނަފާއެއް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި ކޯޕަރޭޓް ސޮސައިޓީއެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އިގްތިސޯދީ އިޖުތިމާއީ ހަމަޖެހުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ބޭނުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ