އުމަރުގެ އިޖުރާއީ ނުކުތާތައް ކޯޓުން ބަލައެއް ނުގަތް

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިނިސްޓަރު އުމަރު ހުށައެޅުއްވި އިޖުރާއީ ނުކުތާތައް ކޯޓުން ބަލައިނުގަނެ، ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާންކުރައްވައިފި އެވެ.
އުމަރު ނަސީރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އާންމު ގާނޫނުތަކުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
މިއަދުގެ އަޑުއެހުމުގައި، މިނިސްޓަރު އުމަރުގެ ފަރާތުން ހުށައެޅުއްވި އިޖުރާއީ ނުކުތާއަކީ ދައުވާގައި އޭނާ ދެއްކެވީ ސީދާ ކޮން ވާހަކައެއްގައި ބަޔާންވެފައި ނުވުމުގެ އިތުރަށް އުމަރު ވާހަކަފުޅު ދެއްކެވީ ގާނޫނު އަސާސީގައި ލިބިދީފައިވާ މިނިވަންކަމުގެ އިންތަކުގެ ތެރެއިން ކަމަށްވާތީވެ، އެ ކަންކަމަށް ރިއާޔަތްކޮށް ދައުވާ ބާތިލުކުރުމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، މިނިސްޓަރު އުމަރު ދެއްކެވީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، އަމަންއަމާންކަން ގެއްލީ ވާހަކަފުޅުތަކެއް ކަަމަށާއި، އެހެން ދައުވާ ބާތިލުކުރުމަށް ހުށައެޅި އިޖުރާޢީ ނުކުތާތަކަކީ ބަލައިގަނެވޭނެ ނުކުތާތަކެއް ނޫން ކަމަށެވެ.
ގާޒީ އަބުދުﷲ ދީދީ ވަނީ އުމަރު ހުށައެޅުއްވި އިޖުރާއީ ނުކުތާތައް ބަލައިނުގަނެ، އެ ދައުވާ ބާތިލް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އުމަރުގެ ވަކީލުންވަނީ ކޯޓުން އިޖުރާޢީ ނުކުތާތަކާއި ގުޅޭގޮތުން ނެރެފައިވާ ހުކުމް ލިޔުމުން ވަކީލުންނަށް އެރުވުމަށް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް، ގާޒީ އަބުދުﷲ ދީދީ ވަނީ ކޯޓުން ކުރާ ކޮންމެ ހުކުމެއް ލިޔުމުން ނެރެންވެއްޖެނަމަ، ކޯޓުގެ މަސައްކަތަށް ދަތިވާނެ ކަމަށް ވިދާޅުވެ، އެކަަމަށް އިންކާރު ކުރައްވާފަ އެވެ.
މިއަދުގެ ޝަރީއަތް ގާޒީ އަބުދުﷲ ދީދީ ނިންމަވާލާފައިވަނީ އަދި އިތުރު އެއް އަޑުއެހުން ބާއްވާނެކަމަށާއި، އެ ޝަރީއަތުގައި ހުކުމް އިއްވާނެކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ