ގާސިމް މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމަށް އިތުބާރު ނުކުރައްވާތީ: ޔާމީން

މަޖިލިހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ވާދަ ކުރައްވަނީ ޕީޕީއެމަށް އިތުބާރު ނުކުރައްވާތީ ކަމަށާއި މަޖިލީހުގެ ރައީސްކަން ދެވެންވާނީ ސަރުކާރާއި މަޖްލިހުން އަޣުލަބިއްޔަތު ލިބިފައިވާ ފަރާތަަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މާލެ ވަޑައިގެން މީޑިޔާއާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، އެއް ވިސްނުމެއްގައި މަސައްކަތް ނުކުރުމުގެ ނަތީޖާ ވަރަށް ހިތި ގޮތެއްގައި މަޖްލިސް އިންތިހާބުން ފެނިއްޖެ ކަމަށާއި، އެފަދަ ފިލާވަޅެއް އަލުން އިއާދަވުމަށް އެއްވެސް ފަރާތަކުން އެދިވަޑައި ނުގަންނަނަވާ ކަމަށެވެ. އަދި، މަޖްލިސް އިންތިހާބުގައި އެމްޑީޕީއަށް ކުރި ލިބުނީ ޖޭޕީ އިން ޕީޕީއެމްގެ ގޮނޑިތަކަށް "ޝެޑޯ" ކުރުމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަނީ އެމަނިކުފާނު ޕީޕީއެމަށް އިތުބާރު ނުކުރައްވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކޯލިޝަން ދެމެހެއްޓުމަކީ ދެބައި މީހުންގެ ކަމެއް. އެހެންވެ، އެއީ ކޯލިޝަންގެ ރޫހަކީ އިސްވެ މީގައި ކޮން ފަރާތެއްގެ މައްސަލަތޯ އުޅެނީ ވިސްނާލަން ޖެހޭ، 14 ގޮނޑި ހިފައިގެން މަޖިލީހުގެ ރައީސަކަށް އެ ޕާޓީއިންތޯ އާދެވޭނީ، 30 އެތައް ގޮނޑިއެއް ހިފައިގެން އަންނަ ޕާޓީން ދައްކާ ރައީސެއްތޯ އިންނާނީ. ކުޑަކުއްޖެއް ކުރެން މި ސުވާލު އެއްސަސް މިސުވާލުގެ ޖަވާބު ދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޯލިޝަނަށް ގާސިމަކީ ވަރަށް ބޭނުންތެރި ބޭފުޅެއް ކަމަށާއި ނަމަވެސް، ދައްކަންވީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވާހަކަ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތްކުރުމުގައި، ސަރުކާރު ހިންގާ ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބެން ޖެހޭ ކަމަށާއި، ލިބިފައިވާ އެ އަޣްލަބިއްޔަތު ހެޔޮ ގޮތުގައި ބޭނުން ކުރުމަކީ އެންމެ މުހިއްމުކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މަޖްލީހުގެ އަޣުލަބިއްޔަތު ވަރުގަދަ ކުރުމަށްޓަކައި، ގާނޫނު ހެދުމުގެ ބާރާއި އިތުބާރު ސަރުކާރަށް ލިބެން ޖެހޭ ކަމަށާއި، އެ ކަން ރަނގަޅަށް ނުކުރެވިއްޖެނަމަ، އެއީ ރައްޔިތުން ދީފައިވާ އިތުބާރަށް ފުރަގަސް ދެވުން ކަމަށެވެ. އެހެންކަމުން، ރައްޔިތުން ދީފައިވާ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޖިލީހުގެ ރައީސްކަމުގެ މަގާމް ޕީޕީއެމްގެ ބޭފުޅަކަށް ދޭން މަޖުބޫރުވާ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.
އާންމު އުސޫލާއި ހިލާފަށް ޖޭޕީއިން އަމަލު ކުރުމަށް ބާރު އަޅާއެޅުމަކީ، ޖޭޕީގެ މައްސަލައެއް ކަމަށާއި، އެ މޭރުމުން ކަން ކުރަންވެއްޖެ ނަމަ، އެމްޑީއޭ އަށް މަޖްލިހުގެ ނައިބު ރައީސްގެ މަގާމް ދެވެން ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، މަޖްލިސް ހިންގުމުގައި ޕީޕީއެމްގެ މައި ރޯލެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެން އެވާހަކަ އަޅުގަނޑުމެން ގާސިމަށް ސިޓީއަކުން ވެސް ދަންނަވައިފިން. ދެ ފަހަރު އަޅުގަނޑުމެން ސިޓީވެސް ފޮނުވައިފިން، ޑިސްކަޝަންވެސް އަޅުގަނޑުމެން ހިންގައިފިން. އެހެންވީމަ، އެމަނިކުފާނު ކޮންމެވެސް ގޮތެއްގައި މީގައި އަޅުގަނޑުމެންނަށް މަގެއް ދެއްކެވުން ދެއްތޯ ރައްޔިތުންގެ ހައްގުގައި މިކަން ކުރެވޭނެ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަދިވެސް މަޝްވަރާގެ މޭޒު ހުޅުވިފައިވާ ކަމަށާއި، ޕީޕީއެމް އިން އިސްވެ މަޝްވަރާގެ މަޖްލިސް ހުޅުވާލި ކަމަށާއި އެކި އެކި ގޮތްގޮތުން މަޝްވަރާގެ މަޖްލިހަށް ވަޑައިގަތުމަށް ގާސިމް އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އެހެން ނަަމަވެސް، އެ އިލްތިމާސަށް ޤާސިމް ދެއްވީ ފިނި ރައްދެއް ކަމަށާއި، މި ހާލަތަށް އެޅުނީ ޤާސިމް މި މައްސަލައިގައި ދޫ ނުދެއްވުމުން ކަމަށްވެސް ރައީސް ޔާމީން ތުހުމަތު ކުރެެއްވިއެވެ. ވިދާޅުވީ ހަމަޖެހޭ އުސޫލަކުން ޤާސިމް އަމަލު ކުރައްވަވާނަމަ، ކޯލިޝަން އެއްބަސްވުމަކީ ހަމައެކަނި ފަސް އަހަރަށް ހެދޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ވަކި މުއްދަތެއް ނެތި ދެމެހެއްޓޭނެ އެއްބަސްވުމަކަށް ވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، ޖޭޕީއަށް ލިބެންވާ ސިޔާސީ މަގާމުތަކާއި މެދުވެސް ވާހަކަފުޅު ދެއްކެވި އެވެ. ރައީސް ވިދާޅުވީ، ޖޭޕީ އަށް ލިބެންޖެހޭ ކަމަށް ބުނާ ކުރާ 35 ޕަސެންޓް ސިޔާސީ މަގާމު ނުލިބި އޮތީ ސަރުކާރު ކުންފުނީގެ ބޯޑްތަކަށް ޖޭޕީ އިން ފޮނުވާފައިވާ ނަންތަކަކީ އެފަދަ މަގާމުތަކަށް އެކަށީގެންވާ ތައުލީމީ ފެންވަރު ނެތް ބޭފުޅުން ކަމަށް ވުމުން ކަމަށެވެ. އެހެން ކަމުން، ޕްރައިވަޓައިޒޭޝަން ބޯޑް އިން އެ ނަންތައް ފާސް ނުކުރުމުގެ ސަބަބުން އެ މަގާމުތަކަށް ޕީޕީއެމް އިން ބޭފުޅުން ނޮމިނޭޓްކޮށް، އެ ބޯޑްތަކަށް ފާސްވެފައިވާނެ ކަމަށެވެ.
އެ 35 ޕަސެންޓަކީ އަލަށް ޖޭޕީއަށް ދެވޭ ގޮނޑިތަކެއް ނޫންކަމަށާއި، ގިނަ މަގާމުތަކަކީ ރައީސް ވަހީދުގެ ސަރުކާރުގައި ޖޭޕީގެ މެންބަރުން ފުރުއްވަމުން އައި މަގާމްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވީ އެވެ. އަދި ވިދާޅޫވީ އެ މަނިކުފާނުގެ ސަރުކާރު އިންތިހާބުވުމުން، އެމަގާމުތަކަށް ބަދަލު ގެނައުމުގެ ބަދަލުގައި، އެ ބޭފުޅުންގެ މަގާމުތަކުގައި ބޭތިއްބެވުމަށް ނިންމެވި ކަމަށާއި ސަރުކާރުގެ މަގާމްތަކުން، މިހާރު ޖޭޕީގައި ތިއްބެވި ބޭފުޅުން ވަކި ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.
"އެހެން ނަމަވެސް، އެއީ ޕާޓީގެ ތެރެއިން ނިންމާނެ ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ