ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުން ނަމަ ޑީއާރުޕީގެ ލީޑަޝިޕަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލު ކުރެވޭ: ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޑީއާރުޕީން ބޭނުން ނަމަ އެ ޕާޓީގެ ލީޑަޝިޕަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ހޫނު ގޮނޑި" ޕްރޮގްރާމްގައި، ކުރިއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޑީއާރުޕީން ބޭނުން ނަމަ ޕާޓީގެ ލީޑަޝިޕަށް ބަދަލުތައް ގެންނަންޖެހިދާނެ ކަމަށް ގަބޫލުކުރައްވަންތޯ ޕްރެޒެންޓަރު އިބްރާހިމް އުމަރު މަނިކު ދެންނެވުމުން ޔާމީން ވިދާޅުވީ އެ ގޮތަށް "އަޅުގަނޑަށް ގަބޫލުކުރެވޭ" ކަމަށެވެ.
"ހޫނު ގޮނޑި" ޕްރޮގްރާމްގައި އާންމުކޮށް އޮންނަ "އާނ އެކޭ" ނުވަތަ "ނޫނެކޭ" ސެގްމަންޓުގައި ވާދަވެރި އިންތިހާބެއްގައި ވާދަކުރައްވައި ރައީސް މުހައްމަދު ނަޝީދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މައްޗަށް ކުރި ހޯއްދެވިދާނެ ކަމަށް ގަބޫލުކުރެއްވޭތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ކުރި ހޯއްދެވޭނެ ކަމަށެވެ.
ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫންގެ ކޮއްކޯފުޅު ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީއޭ އިން ޑީއާރުޕީއާ އެކު މަސައްކަތްކުރުމަށް އެއްބަސްވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ތަސްމީނަކީ ސިޔާސީ ގޮތުން ޔާމީނަށް ވުރެ ބާރުގަދަ ބޭފުޅެއް ކަމަށް ގަބޫލުކުރައްވަންތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އެއަށް ކޮމެންޓް ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާބިލް ބޭފުޅެއް ކަމަށް ރައީސް މައުމޫންގެ ބޭފުޅުން ބަލައިގަނޭތޯ ދެންނެވުމުން ވިދާޅުވީ އެއަށް އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ހަމަވުމުގެ ކުރިން ސަރުކާރު ވައްޓާލުމުގެ ބަދަލުގައި ތާއީދުކުރައްވަނީ ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށެވެ. މިހާރުގެ ސަރުކާރަށް ނިސްބަތްކޮށް ޔާމީން ވިދާޅުވީ ރައީސް ނަޝީދަށް ދެ ވަނަ ދައުރެއްގައި ކާމިޔާބު ލިބިވަޑައިނުގަންނަވާނެ ކަމަށާއި ރައީސް ނަޝީދަކީ ގައުމެއް ހިންގެވޭ ވަރުގެ ލީޑަރެއް ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ފަސް ވައުދު ހާސިލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ޔާމީން ރޭ ވިދާޅުވީ ރައީސް މައުމޫނަކީ ޑިމޮކްރެސީގެ ބައްޕަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ދޮޅު އަހަރު ދުވަހަށް އެކަނި ބެލިކަމުގައި ވިޔަސް 530 މިލިއަން ޑޮލަރުގެ ލޯނު އެބައުޅޭ ކަމަށާއި ހަމައެކަނި ރައީސް މައުމޫން ކުރީގެ ސަރުކާރުގެ ލޯނުތަކުގެ ވާހަކަ އެކަނި ދެއްކެން ނެތް ކަމަށެވެ. އަދި މި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފުސީލު ދެއްވަމުން ޔާމީން ވިދާޅުވީ މިހާރު ވަރަށް ބޮޑެތި ލޯން ނަގާފައިވާ ކަމަށެވެ. އެ ގޮތުން ޔާމީން ވިދާޅުވީ މިދިޔަ އަހަރު ގައުމު ހިންގާފައިވަނީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ޖުމްލަ ހަޒާނާ ހުސްކޮށްލައިގެން ކަމަށާއި އެ ތަނުން ސަރުކާރަށް 4،000 މިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށެވެ.
"އެއީ ގާތްގަނޑަކަށް 300 މިލިއަން ޕްލަސް ޑޮލަރު. މައުމޫން ސަރުކާރުން ވަކިވެ ވަޑައިގެންނެވިއިރު އެމްއެމްއޭގެ ހަޒާނާގައި 249 މިލިއަން ޑޮލަރު. އެހެންވީމަ އެމްއެމްއޭ އިން ]މި ސަރުކާރުން[ އެބައޮތް އެހާ ފައިސާ ނަގާފައި. އަނެއްކާ މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ނަމަ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ތެރޭގައި އައިއެމްއެފުން، ވޯލްޑް ބޭންކުން، އިންޑިޔާ ސަރުކާރުން އެތައް މިތަނުން އެބަ ލޯން ނަގާ. ވޯލްޑް ބޭންކުން ނެގުމަށް ހަމަޖެހިފައި އޮތީ 27.4 މިލިއަން ޑޮލަރު. އޭޑީބީން ނަގަން ހަމަޖައްސާފައި މި އޮތީ 18 މިލިއަން ޑޮލަރު. އިންޑިޔާ ސަރުކާރުން މިހާރު ނަގައިފި. ފުރަތަމަ ބައި ލިބިއްޖެ ވެސް މެ. އިންޑިޔާ ސަރުކާރުން މި އޮތީ 100 މިލިއަން ޑޮލަރު. ދެން އައިއެމްއެފުން އަޅުގަނޑުމެންގެ ބަޖެޓުގެ ތާށިކޮށް އުޅޭތީއާ އެކު ދެ ފަހަރެއްގެ މަތިން ނަގާ ލޯނުގެ މި އޮތީ 85 މިލިއަން ޑޮލަރު. ދެން އެމްއެމްއޭ އިން މި ނެގޭ ހަތަރު ބިލިއަން ރުފިޔާ ނުވަތަ 300 މިލިއަން ޑޮލަރަކީ ވެސް މި ސަރުކާރުގެ ބަޖެޓުން އެމްއެމްއޭ އަށް ދައްކައި ނިންމަންޖެހޭ އެއްޗެއް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ވެސް އަދި މިހާރުގެ ސަރުކާރުން ވެސް ލޯނު އަދާކުރެވޭ ނަމަ ލޯނު ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި އެކަމަކު އެއީ ކަމެއްނުކުރެވޭ ކަމުގެ ހުއްޖަތް ދައްކާ ނަމަ މައްސަލައެއް ކަމަށެވެ.
"އެހެންވެއްޖެ ނަމަ އަޅުގަނޑަށް ހީވަނީ އެއަށް ވުރެ މާ ރަނގަޅުވާނެހެން ވިދާޅުވާން ތިމަންނަމެން މި ސަރުކާރާ ހަވާލުވި އިރު، ނޭވާލާ 330،000 މީހުންނާ އެކީގައި ހަވާލުވީމައޭ ތިމަންނަމެންނަށް ސަރުކާރު ނުހިންގިގެން މި އުޅެނީ. އެހެން ވިދާޅުވިއްޔާ މާ ރަނގަޅުވާނެ ކަން ނޭނގޭ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ ސަރުކާރަށް ފައިދާ ހޯދުމަށްޓަކައި އިގުތިސޯދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ކުންފުނިތަކުގެ ހިއްސާ ވިއްކައިފިނަމަ ރަނގަޅު އެއްޗެއް ލިބޭނެ ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށެވެ. މިސާލެއް ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކައިގެން ސަރުކާރުން ފުރަތަމަ އަންދާޒާކުރީ 30 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކަމަށާއި ނަމަވެސް މި ދުވަސްކޮޅު އެ ހިއްސާ ވިއްކައިގެން ސަރުކާރަށް ލިބުނީ 16 މިލިއަން ޑޮލަރު ކަމަށެވެ.
"މި ސަރުކާރުގައި ހިއްސާ ވިއްކުމުގެ މައްސަލައަކީ ހިއްސާ ވިއްކުމަށް އާންމުކޮށް ކަނޑައަޅާފައި މި ހުންނަ އުސޫލުތަކުގެ ތެރެއިން ހަމަ އެއްވެސް އުސޫލަކަށް ފެތިގެންދާ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ރަށްރަށުގައި އެއާޕޯޓްތައް ތަރައްގީކުރާ ފަރާތްތަކަށް ރިސޯޓްތަކުގައި އެނދު ތަރައްގީކުރުމުގެ ފުރުސަތު ދިނުމާއި އެއާޕޯޓް ތަރައްގީކުރުމުގެ ބަދަލުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުން ފަދަ ކަންތައްތަކަކީ ޔާމީން ވިދާޅުވި ގޮތުގައި އިގުތިސޯދީ ގޮތުން ކަންތައް ކުރާ ގޮތް ނޫން ކަމަށެވެ.
"އެނދުގެ އަގު އެންމެ ރަނގަޅަށް އެނގޭނީ އެ ޕްރޮޖެކްޓް ހަވާލުކުރީމައެއް ނޫން. އެނދުގެ އަގު އެންމެ ރަނގަޅަށް އެނގޭނީ ކުރިމަތިލާން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ކީމަ. އެ އަގު ލިބުނީމަ ސަރުކާރުގެ ޕްރިއޮރިޓީގެ ތެރޭގައި ނަރުދަމާ ހެދުމާއި އެ ސަރަހައްދުގެ ރަށްތައް ތަރައްގީކުރަން ބޭނުން ކަމަށް ވަންޏާ އެ ތަރައްގީކުރަން ބޭނުންވާ މަޝްރޫއު ދޭންޖެހެނީ ސަރުކާރުގެ ޝެޑިއުލް ބަޖެޓުގެ ތެރޭގައި. އެކަމަކު އެކަން ކުރުމުގެ ބަދަލުގައި މި ކުރާ ކަމަކީ 6000 އެނދު އަޅަން އެ ލިބޭ ރިސޯޓަށް އެ ލިބެނީ އެނދު އަޅަން އެންމެ އެކަށީގެންވާ އަގުތޯ ބަލާނެ އެއްވެސް ގޮތެއް ނެތި، ބަލަން ބޭނުންނުވެ އެ ތަން މި ދޫކޮށްލަނީ ކައިރީގައި އޮތް ދެ ތިން ހަތަރު ރަށެއްގެ ނަރުދަމާ ހެދުން ޝަރުތުކޮށްފައި ކަމަށް ވަންޏާ އެ ހެދެނީ އިގުތިސޯދީ ގޮތުން ވަރަށް ބޮޑު މިސްޓޭކެއް. މިއީ އެކަން ކުރާ އުސޫލެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން އޭނާ އަށް ވުރެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުންވާ އެހެން އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އެހެންވެ އެސްޓީއޯ އަށް ޑޮލަރު ގަތުމަށް ދޫކުރި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހިމެނޭނެ ނަމަ މިހާރު އޮންނާނީ އެ މައްސަލަ ޝަރީއަތުގައި ކަމަށެވެ. އަދި އެކަން ކުރައްވާފައި ވާނީ ޔާމީން ވިދާޅުވި ގޮތުގައި އެސްޓީއޯގެ ބޯޑުންނާއި ރައީސް އޮފީހުގެ ހުއްދައާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ