ހ. އަމީނީގޭގައި މާލޭ ހޮޓަލުން އަޅާ 16 ބުރީގެ އިމާރާތުގެ މަސައްކަތް ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް މަދަނީ ކޯޓުގެ ގާޒީ އައިޝަތު ޝުޖޫން ނިންމަވައިފި އެވެ.
އަމީނީގެ މަސައްކަތުގެ ސަބަބުން ހ. އަތިރީހުރާގެ ވެރިފަރާތް ކަމަށްވާ އަމީނު ފައިސަލް މާލޭ ހޮޓެލްގެ މައްޗަށް ކުރި ދައުވާގައި އެ ގޭ މަސައްކަތް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދުމުން ގާޒީ ވިދާޅުވީ އަތިރީހުރާގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް އަމީނު ފައިސަލްގެ ފަރާތުން ކުރާ ދައުވާއަށް ނަޒަރު ކުރާއިރު އަތިރީ ހުރައަށް ލިބިފައިވާ އެއްވެސް ގެއްލުމަކާ ބެހޭ ރިޕޯޓެއް އަދި އެއްވެސް ހެއްކެއް، ގަރީނާއެއް ކޯޓަށް ހުށަހަޅައިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ގެއްލުމެއް ލިބިފައިވާ ނަމަ އެކަން ސާފުކޮށްދީ ދައްކައިދޭން ޖެހޭނެ ކަމަށާއި ޝަރިއަތަށް ހުށަހަޅާ ހުށަހެޅުމަކީ ސައްހަ ހުށަހެޅުމެއްކަން ސާބިތުކޮށްދިނުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އަމީނީގޭގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް ހުއްޓުވަން ޝަރިއަތުން ވަގުތީ އަމުރެއް ނެރެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
އަމީން ފައިސަލުގެ ވަކީލު އިދުހާމް މުއިއްޒު އަދުނާނު މިއަދު ވިދާޅުވީ، ގާޒީ އެގޮތަށް ނިންމެވުމުން މާލޭ ހޮޓަލުން ހޭލާ ތިބެގެން ދަގަނޑުތައް ތަޅާ ބިމު އަޑިއަށް ވައްދާލާނެ ކަމަށާއި ވަގުތީ އަމުރަކަށް އެދިފައި ވަނީ އެކަން ހުއްޓުވައި، ކުރަން ޖެހޭ ސާވޭތައް ހެދުމަށް ފުރުސަތު ހޯދުމަށް ކަމަށެވެ. ނަމަވެސް ގާޒީ އެފަދަ އަމުރެއް ނެރެވޭނެ ތަނެއް ނެތް ކަމަށް ވިދާޅުވުމުން އެ މަގު ބަންދުވީ ކަމަށެވެ.
"ތިޔަ ވިދާޅުވާ ހެކި ހުށަހަޅަން ބޭނުންވާ މަސައްކަތް ކުރުމަށް ފުރުސަތު ދެއްވާށޭ މިދަންނަވަނީ އެކަމަކު ކަމަނާ މިހާރު ތިހެއްދެވި ގޮތުން އެމަގު އެބަންދުވީ." އިދުހާމް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ވަގުތީ އަމުރަށް އެދުނު އިރު އެފަދަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ވާހަކައެއް ހިމަނާފައި ނުވާ ކަމަށާއި ޝަރީއަތުން ނަޒަރުކޮށްފައި ވަނީ އެދުނު ކަންތައްތަކަށް ކަމަށެވެ. އަދި ވިދާޅުވީ މިއަދު އެގޮތަށް ނިންމެވި ކަމުގައި ވިޔަސް އަދި ވެސް ވަގުތީ އަމުރަށް އެދެވޭނެ ކަމަށާއި އެކަމަކު އެފަދަ ހެކި ހުށެހެޅުމަކީ އެފަރާތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މިއަދު އަޅުގަނޑު އަމުރު ނެރުމާމެދު ގޮތެއް ނުނިންމި ނަމަވެސް ތިޔަ އިލްޒާމް އަޅުގަނޑުގެ ބޮލުގައި އެޅޭނެ،" ގާޒީ ވިދާޅުވި އެވެ.
މާލޭ ހޮޓެލްގެ ވަކީލު މުހައްމަދު އިބުރާހިމް ވިދާޅުވީ ޝަރީއަތު މިއަދު ނިންމެވި ނިންމެވުމާމެދު އިތުރަށް ދެން ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އަމީނީގެ މައްސަލަ: 16 ބުރީގެ ހޮޓަލުގެ މަސައްކަތް ހުއްޓުވަން ވަގުތީ އަމުރެއް ނެރެވޭނެ ޝަރުއީ ހަމައެއް ނެތް ކަމަށް ގާޒީ ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ