މުއްދަތު އިތުރުކުރާ ރިސޯޓުތަކަށް އެއް ފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ގަވައިދު ނެރެފި

މިހާރު ކުއްޔަށް ދީފައިވާ ރިސޯޓްތަކުގެ މުއްދަތު އިތުރުކުރާ ނަމަ، އެ ކަމަށް ދައްކަން ޖެހޭ ފީ އެއް ފަހަރާ ދައްކަން ޖެހޭ ގޮތަށް، "ޓޫރިސްޓް ރިސޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދު" އެކުލަވާލައި ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ޓޫރިޒަމްގެ ގާނޫނުގެ ދެ ވަނަ އިސްލާހުގައި ބުނެފައިވާ ގޮތް ކަމަށް ބައެއް ފަރާތްތަކުން ބުރަވަނީ، ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމަށް އަހަރަކަށް ދައްކަން ޖެހޭ 100،000 ޑޮލަރު ދައްކަން ޖެހޭނީ ކޮންމެ އަހަރަކަށް ޖެހޭވަރު އެ އަހަރަކު ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ފީ ނެގުމާ ބެހޭ ގޮތުން މިނިސްޓްރީން އާންމުކުރި ގަވާއިދުގައިވާ ގޮތުން މުއްދަތު އިތުރުކުރުމަށް ދައްކަން ޖެހޭ ފީ ދައްކަން ޖެހޭނީ ހުރިހާ އަހަރަކަށް ޖެހޭވަރު އެއް ފަހަރާ އެވެ.
ގާނޫނަށް ގެނައި އިސްލާހަށް ބަލާއިރު ގާނޫނުގެ އަށް ވަނަ މާއްދާގެ ނ. ގައި ބުނެފައިވަނީ "... ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި އެދިއްޖެ ނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 އެމެރިކާ ޑޮލަރު ފީއެއް ނެގުމަށް ފަހު މުއްދަތު އިތުރުކޮށްދޭން ވާނެ" ކަމަށެވެ. މި ނުކުތާ އަށް ބަލާއިރު ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްދެވޭނީ ކޮންމެ އަހަރަކަށް ޖެހޭ ފީ ދެއްކުމުންނެވެ. ނަމަވެސް އެ މާއްދާގެ ރ. ގައި ބުނެފައިވަނީ "މި މާއްދާގެ (ނ)ގައި ކަނޑައަޅާފައިވާ ފީ ދައްކާނީ އިތުރުކުރެވޭ މުއްދަތުގެ މައްޗަށް ބަހާލުމަށް ފަހު އަހަރަކަށް ޖެހޭވަރު އެ އަހަރަކު ދައްކާ ހަލާސްކުރާ ގޮތަށެވެ" މިހެންނެވެ.
މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދުގަ އާއި ގާނޫނުގައި ވެސް ބުނެފައިވާ ގޮތުގައި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިންގަމުންދާ ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމަށް ދެވޭނީ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ މުއްދަތެވެ. އަދި ހިންގަން ނުފަށާ ތަންތަން ދެވޭނީ 36 މަސް ދުވަހެވެ.
މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި "މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތުގައި މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާފައިވީ ނަމަވެސް، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ކަނޑައެޅޭ ފީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާނަމަ، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށް ނުދެވޭނެ އެވެ."
ގަވާއިދުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމަށް ދެވޭ 18 މަސް ދުވަހާއި 36 މުއްދަތުގެ ވާހަކަ އެވެ. އަދި 11 ވަނަ މާއްދާގައި ބުނާ ފީއަކީ، ރަށުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް އަހަރަކަށް ދައްކަންޖެހޭ ފީގެ ޖުމްލަ އަދަދެވެ. އެހެންކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްދޭނީ ރިސޯޓުގެ މުއްދަތު އިތުރުކުރުމަށް ދޭ 18 މަސް ދުވަހާއި 36 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ހުރިހާ އަހަރުތަކަކަށް ވާ ފީގެ އަދަދު ދައްކާ ހަލާސްކުރުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދު އެކުލަވާލާފައި ވަނީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ބެލުމަށް ފަހު އެވެ.
"މިނިސްޓްރީގެ ގާނޫނީ ބޭފުޅުން ބައްލަވާފައި ގަވާއިދު އެކުލަވާލާފައި އެވަނީ. އެ ގަވާއިދާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނެތް،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު ވިދާޅުވީ ފީ ނެގުމާ ބެހޭ ގަވާއިދު އެލުލަވާލާފައިވަނީ ގާނޫނުގެ އަށް ވަނަ މާއްދާގެ ނ. ރ. ބ. އަދި ޅ. އަށް ބެލުމަށް ފަހު އެ މާއްދާގެ ނ. އާއި ބ. އަދި ޅ. އަށް ބަލާއިރު ރ. އަކީ، ގާނޫނުތައް މާނަކުރާ އުސޫލުތަކަށް ބަލާއިރު ބާރުހުރި ނުކުތާއަކަށް ނުވާތީ ކަމަށެވެ. އަށް ވަނަ މާއްދާގައި ބ. އާއި ޅ. ގައި ބުނެފައިވަނީ މުއްދަތު އިތުރުކުރުމުގެ މަސައްކަތް 18 އަދި 36 މަސް ދުވަހުގެ ތެރޭގައި އިތުރުކޮށް ނިންމަންވާނެ ކަމަށެވެ. ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ބިލު އެކުލަވާލައި މަޖިލީހަށް ހުށަހެޅިއިރު އަށް ވަނަ މާއްދާގެ ރ. ހިމަނާފައެއް ނުވެ އެވެ. އެއީ މަޖިލީހުން ބިލު ފާސްކުރިއިރު ހިމަނާފައިވާ މާއްދާއެކެވެ.
"ރ. އަށް އެކަނި ބަލާއިރު އެއީ އެއްވެސް ބާރެއް ލިބިދޭ މައްދާއެއް ނޫން. ގަވާއިދު އެކުލަވާލާފައި ވަނީ ނ. އަދި ބ. ގައި ބުނާ އެއްޗަކަށް ބަލާއިރު ރަނގަޅަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
މިހާރު ގަވާއިދު އޮތްގޮތުން ހިންގަމުންދާ ރިސޯޓުތަކުގެ މުއްދަތު، މިސާލަކަށް އިތުރު 25 އަހަރަށް އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު 18 މަސް ދުވަހު ތެރޭގައި ސަރުކާރަށް ދައްކަންޖެހޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މުއްދަތުގެ އިތުރުކުރެވޭނެ ހިންގަމުން ގެންދާ ރިސޯޓްތަކާއި ބިންތަކާއި ނުހުޅުވާހުރި ރިސޯޓްތަކުގެ ލިސްޓަކާއި މުއްދަތު އިތުރުކުރުމަށް ހުށަހަޅަން ޖެހޭ ފޯމު ވެސް ވެސް އާންމުކޮށްފަ އެވެ. މުއްދަތު އިތުރުކުރެވޭ ހިންގަމުން ގެންދާ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ 97 ތަނުގެ ތެރޭގައި، މިހާރު ހިންގަމުން ގެންދާ މަދު ތަންތަން ނުހިމަނާ އެބަހުއްޓެވެ. މުއްދަތު އިތުރުކުރެވޭ އެހެން ނަމަވެސް މިހާރު ނުހުޅުވާ ހުރި ތަންތަނުގެ ލިސްޓުގައި 69 ތަނެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ