މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވިއްޖެ ނަމަ، އެމްޑީޕީ ގުޅުމުގެ ވެރިކަމެއްގެ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ އޭނާ ވެރިކަން ބޭނުންވެގެން ނޫޅުއްވާ ކަމަށާއި ބޭނުން ވަނީ ރާއްޖެ އަށް ސިޔާސީ އިސްލާހު ގެންނަން ކަމަށެވެ. އަދި އެކަން ކުރެވޭނީ ރާއްޖޭގައި މިހާރު އޮތްވެރިކަން ނިމުމަށް ގެނެސް، ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމުކުރެވިގެން ކަމަށް އަންނި ވިދާޅުވި އެވެ.
"ރާއްޖެ އަށް މި ވީހާ ތަނުގައި އަންނަން އޮތް ތަރައްގީ އައިސްފައި ނެތީ ހެޔޮ ވެރިކަމުގެ ނިޒާމެއް މިތަނުގައި ނެތީމާ. ތަނެއްގައި ލިޔެފައި އޮތް ސިޔާސަތެއް އަޅުގަނޑުމެންނަށް ފެންނަން ނެތީއެއް ނޫން. އަދި އަޅުގަނޑުމެންގެ ވެރިން އެކިއެކި ކަންކަން ކޮށްދޭނެ ކަމަށް ވައުދުވެފައި ވެސް ނެތީއެއް ނޫން،" އަންނި ވިދާޅުވި އެވެ. "ރައްޔިތުންގެ އިހުސާސާ އެއްގޮތަށް ކުރެވޭ ވެރިކަމެއް މި ރާއްޖޭގައި ގާއިމު ކުރެވިފައި ނެތީމާ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން ކުރަމުން އައި މަސައްކަތަކީ މި ރާއްޖޭގައި ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް. އަދި އަޅުގަނޑުމެން ދެމިތިބޭނީ ވެސް އެ މަސައްކަތުގައި."
އަންނި އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަން ރައްޔިތުން އެދޭ ގޮތަށް ފުރޮޅާލެވޭނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިގެން ކަމަށެވެ.
"ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ރައްޔިތުންނަށް މަޖުބޫރެއް ނެތި އަދި ރައްޔިތުންގެ ހާލަތު ނިޔާ ކުރާ ގޮތުގެ މަތިން ފައިސާ އާއި ނުފޫޒުން އެއްކިބާވެ އެ މީހުންނަށް ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވޯޓްލެވެން ޖެހޭނެކަން. އެ ވޯޓުގެ ނަތީޖާ އަޅުގަނޑުމެން ހޯދަން އެބަޖެހޭ،" އަންނި ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެންގެ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ފޯރުކޮށް ދޭނަން."
އަންނި ވިދާޅުވީ އެމްޑީޕީ އާ ގުޅިގެން މަސައްކަތްކުރާ ސިޔާސީ ލީޑަރުންގެ ވެރިކަމުގެ އުމްިޑު ފުރިހަމަކޮށް ދިނުމަށްތަކައި ހުރިހާ އެންމެން ގުޅިގެން ކުރާ މަސައްކަތުގައި އިންތިހާބުގެ ދެވަނަ ބުރު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"ގުޅިގެން މަސައްކަތް ކުރާއިރު އަޅުގަނޑު ކުރާނެ އަނެއް ކަމަކީ ފަހަށް ޖެހުން. އަޅުގަނޑު އަބަދުވެސް އެދިއެދި ހުރި ކަމެއް އެއީ. މި އިންތިހާބު އަޅުގަނޑު އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް ކާމިޔާބުކޮށް ދޭނަން،" އަންނި ވިދާޅުވި އެވެ. "އެއީ ތިޔަ ބޭފުޅުންނަށްޓަކައި އަޅުގަނޑުކޮށްދޭނެ ކަމެއް."
އަންނި އަދި ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ހެޔޮ ވިސްނޭ ހުރިހާ ރައްޔިތުން އޭނާ އަށް ވޯޓް ވެސް ދެއްވާނެ ކަމަށާއި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އެބައޮތް ކަމަށެވެ.
"ވަތަން އެދޭ ގޮތަށް" ކެމްޕޭނުގެ ދަށުން ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި އެ ގުޅުމުގައި ބައިވެރިވެ ވަޑައިގަންނަވާ ޑރ. ހަސަން ސައީދު ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ބައިވެރިވެފައިވެ އެވެ.
ރިޔާސީ އިންތިހާބު 2008: އަޅުގަނޑުމެންގެ ވެރިކަމުގެ ދައުރެއްގެ މެދުތެރެއިން އަލުން ރިޔާސީ އިންތިހާބެއް ބާއްވާނަން: އަންނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ