ރިއާސީ ކޮމިޝަނުން އުޅެނީ އަޅުގަނޑުގެ ތާއީދު އޮތްވަރު ފެނިފައި ހިތްހަމަނުޖެހިގެން: މައުމޫން

ރިއާސީ ކޮމިޝަނުން މަސައްކަތްކުރަނީ އެމަނިކުފާނަށް ރަށްރަށުގައި އޮތް ތާއީދު ފެނި އެކަމާ ހިތްހަމަނުޖެހިގެން ކަމަށާއި އެ ކޮމިޝަނުން ބަޔާން ނެރެ ތަފާތު ވާހަކަތައް ފަތުރަނީ އެހެންވެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑާއި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު 2004 ވަނަ އަހަރު އުފެއްދި ޖޮއިންޓް ވެންޗަ ކުންފުނިން ކޮށްފައިވާ ތެލުގެ ވަގު ވިޔަފާރިތަކެއްގައި ކުރީ ސަރުކާރުގެ އެންމެ މަތީ ފަޑީގެ ބައެއް ބޭފުޅުން ހިމެނޭ ކަމަށް ރިއާސީ ކޮމިޝަނުން އިއްޔެ ބުނެފައިވާތީ އެ އަށް ރައްދުދެއްވައި މައުމޫން ވިދާޅުވީ އެ ކޮމިޝަނުން އެމަނިކުފާނާ ބެހޭ ގޮތުން އެފަދަ ވާހަކަތައް ފަތުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.
"އަޅުގަނޑު ވެރިކަމުގައި ހުރި އިރު އަދި މިހާރު ވެސް އެސްޓީއޯއާ ގުޅުމެއް ނޯންނާނެ. އެސްޓީއޯގައި ހުންނާނެ ޗެއާމަނެއް. ބޯޑެއް އޮންނާނެ. ދުވަހުން ދުވަހަށް އެ ކުންފުނީގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެ ބޯޑުން. އަޅުގަނޑު ދުވަހަކު ވެސް އެސްޓީއޯގެ ކަންތައްތަކާ ބެހި ނޫޅެން. އަނެއްކާ ކޮންމެ އަހަރެއްގެ މާލީ ރިޕޯޓް ނެރެ އެކަމާ މެދު ބަހުސްކުރާނީ ކުންފުނީގެ އާންމު ޖަލްސާގައި،" މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރިއާސީ ކޮމިޝަނުން އަޅުގަނޑާ ބެހޭ ގޮތުން ވާހަކަ މި ދައްކަނީ ސިޔާސީ މަގުސަދެއްގައޭ. މިދިޔަ ލޯކަލް އިންތިހާބުގައި ޑީއާރުޕީ ހޯދި ކާމިޔާބީ އާއި އަތޮޅުތަކުގެ ރައްޔިތުން އަޅުގަނޑަށް ކުރި ތާއީދު ފެނިފައި އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑުގެ އަގު ވައްޓާލަން މި އުޅެނީ. އަތޮޅުތަކުގައި އަޅުގަނޑުގެ ތާއީދު ވަރަށް ބޮޑު."
މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެއްވެސް ވިޔަފާރިއެއް ނުކުރެވޭނެ ކަމަށް އޮންނައިރު އެފަދަ ކަމެއް އެ މަގާމުގައި ހުންނެވިއިރު ވެސް އަދި މިހާރު ވެސް ނުކުރައްވާ ކަމަށެވެ. އަދި މައުމޫނުގެ އާއިލާގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން މިހާތަނަށް ރިއާސީ ކޮމިޝަނުން އެއްވެސް ސުވާލެއްކޮށްފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ތިއްބަވައިގެން ތެލުގެ ވަގު ވިޔަފާރިތަކެއް ކޮށްފައިވާ ކަމަށް ބުނެ އިންޑިޔާގެ "ދަ ވީކް" ގައި ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓް އާންމުވުމާ ގުޅިގެން މައުމޫނާއި ޔާމީން ވެސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ޔާމީން ވަނީ އޭނާގެ ކޮރަޕްޝަންގެ އެއްވެސް ކަމެއް ސަރުކާރަށް ނުދެއްކޭނެ ކަމަށް ވިދާޅުވެ ޗެލެންޖް ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ