ދައުލަތުން ދައުވާ ނުކުރުމުން ބަންދުން ދޫކޮށްލަނީ ކަމަށް ބުނެ މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހިމެނޭ ހަ މީހަކު ޖިނާއީ ކޯޓުން ދޫކޮށްލައިފި އެވެ.
ޖިނާއީ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އާއި މައްސަލަތަކުގައި ދައުލަތުން ދައުވާނުކޮށް ގިނަ ދުވަސްވެފައި ވާތީ ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލީ ހަތަރު ދިވެއްސަކާއި ދެ ބިދޭސީއެއް ކަމަށެވެ. އެއީ މ. ހިލް އިން ދަ ގާޑްން އިސްމާއީލް އަބްދުއް ރަހީމް، ،25 އާއި މއ. މިލަދޫގޭ އަހުމަދު ހަމްދޫނު އާއި ސ. ހިތަދޫ ދެވިނަގޭ ހަސަން ޖިނާހު، ،22 އާއި ހަނިކަނޑު ޖައުފަރާއި ތައިލެންޑްގެ އަންހެނެއް ކަމަށްވާ ސުވަރުނަ ޑުއަންގްސީ، ،36 އަދި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މަންސުރު ހުސައިން އެވެ.
އޮފިޝަލު ވިދާޅުވީ އެ މީހުން ބަންދުގައި ތިބޭތާ ހަ މަހަށް ވުރެ ވެސް ގިނަވިއިރު ދައުވާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެ މީހުން ދޫކޮށްލީ ގާނޫނު އަސާސީގެ 50 ވަނަ މައްދާއާ ހަވާލާދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްދާގައި ބުނަނީ ކުށެއް ކޮށްފި ކަމަށް ތުހުމަތުކޮށް ތަހުގީގުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލައެއް ތަހުގީކޮށް ނިންމަންވާނެ ކަމަށެވެ. އަދި އެ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ މީހާއާ މެދު ދައުވާކުރަން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ދައުވާ އުފުލަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 50 ވަނަ މައްދާއާ ކޯޓުން ހަވާލާދޭއިރު ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި އެހެން ހާލަތްތަކެއް ބަޔާންކޮށްފައި އޮވެ އެވެ. އެ މާއްދާގައި ބުނަނީ އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާ މެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓައިގެން ނުވާނެ އެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކޮށް އެހެން ޝަރުތެއް ކަނޑައެޅިދާނެ ކަމަށް ވެސް 49 ވަނަ މާއްދާގައިވެ އެވެ.
"އެ މީހުން ދޫކޮށްލީ ކޮންމެ ބުރާސްފަތި ދުވަހަކު ސޮއިކުރަން އައުމަށް ޝަރުތުކޮށްފައި،" ކޯޓުގެ އޮފިޝަލު ވިދާޅުވި އެވެ.
ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ ތައިލެންޑް އަންހެންމީހާ ބަންދުކޮށްފައި ވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ކަރުދާސް ފޮށިގަނޑެއްގެ ދެ އަރިމަތީގައި ފޮރުވައިގެން 1.8 ކިލޯގެ ހެރޮއިން އެތެރެކުރިކަމުގެ ތުހުމަތުގަ އެވެ. މަސްތުވާ އެއްޗެހި ހިފައިގެން އޭނާ ރާއްޖެ އައުމުގެ ފަސް ދުވަސް ކުރިން ވެސް އެއްފަހަރު ރާއްޖެ އައިސް ކަސްޓަމްސް އޮފިސަރުންނާއި އެހެނިހެން މީހުންގެ އަމަލްތައް ހުރި ގޮތް ބެލި ކަމަށް ވެސް ކުރިން ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ޖިނާހު އާއި އިސްމާއީލް އަބްދުއްރަހީމަކީ އެ މައްސަލައާ ގުޅިގެން ކުރި ތަހުގީގުގައި ހައްޔަރު ކުރި ދެ މީހުންނެވެ. ޖިނާހަކީ ތައިލެންޑް އަންހެންމީހާ ހުރި ގެސްޓް ހައުސް އަށް ފައިސާ ދެއްކުމަށާއި މަސްތުވާތަކެތި ނެރެން ދިޔަ މީހާ ކަމަށްވެ އެވެ. އަދި ޑުއަންގްސީ ބަލާ ދިޔަ ކަމަށް ވަނީ އިސްމާއީލް އަބްދުއް ރަހީމެ.
ހައްޔަރުން ދޫކޮށްލި ޖައުފަރަކީ މިދިއަ އަހަރު ސެޕްޓެމްބަރު މަހު މެދުތެރޭ މޭވާ އަޅާ ފޮށިގަނޑެއްގައި ބައި ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކޮށްފައިވާ މީހެކެވެ. ހަމްދޫނަކީ އެ މައްސަލައާ ގުޅުން ހުރި މީހެކެވެ. ހަމްދޫނަކީ ޖައުފަރާ އެކު އިންޑިޔާ އަށް ދަތުރުކޮށް އެކަމުގައި ބައިވެރިވި މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހައްޔަރުން ދޫކޮށްލީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މަންސޫރަކީ 2007 ވަނަ އަހަރު މެދުރޭ 7.8 ކިލޯގެ މަސްތުވާތަކަތި ރާއްޖެ އެތެރެކުރުމުން އަތުލައިގެނެ ހައްޔަރުކޮށްފައިވާ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި ހަ މީހުން ހާޒިރުކޮށްދޭން ޖިނާއީ ކޯޓުން އެންގުމުން ރޭ ކޯޓަށް ހާޒިރުކޮށްދިނުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑިޕިއުޓީ ޕްރޮސެކިއުޓާ ޖެނެރެލް ހުސައިން ޝަމީމް ވިދާޅުވީ މި މީހުންގެ މައްސަލަތަކުގައި ދައުވާ ނުކުރެވި އޮތީ މައްސަލައިގެ ފޯމްތަކުގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަން ފުލުހުންނަށް އެންގުމުން އެފަރާތުން އެކަން އިސްލާހު ކުރަމުން އަންނާތީ ކަމަށެވެ.
މިދިއަ އަހަރުގެ މާޗުމަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ލަންކާގެ އަންހެން މީހާ، ސަމީން އުންމުލް ފައުމިއްޔާ ވަނީ ކޯޓުން ދޫކޮށްލުމުން ފުރައިގެން ގޮސްފަ އެވެ.
މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހިމެނޭ ހަ މީހަކު ޖިނާއީ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ