ލީކްވެގެން އުޅޭ ޓިކެޓުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް ޝާހިދާއި ތަސްމީން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަމުގައި އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ނަގާފައިވާ ކަމަށް ބުނާ އީ ޓިކެޓުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް އެ ދެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިތުރުން ބައެއް ފަހަރު ޑީއާރުޕީއާ ދެކޮޅަށް ވެސް ލިޔުންތައް ޝާއިއުކުރާ ވެބްސައިޓެއްގައި ލީކްކޮށްލާފައިވާ އީ ޓިކެޓުގައިވާ ގޮތުން ތަސްމީނާއި ޝާހިދު ލަންކާގެ ކޮލަމްބޯ މަގުން އިންޑިޔާގެ ނިއު ދިއްލީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މިދިޔަ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ ސްރީ ލަންކަން އެއާލައިންސް، ޔޫއެލް 196 ގެ ފްލައިޓުންނެވެ. އަދި އެނބުރި ލަންކާ މަގުން ރާއްޖެ ވަޑައިގެންފައި ވަނީ ހަމަ އެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ޓިކެޓުން ދައްކަ އެވެ.
އީ ޓިކެޓަށް ބަލާއިރު އެ ޓިކެޓުގެ ބުކިން ހައްދާފައި ވަނީ އިންޑިޔާގެ އެފްސީއެމް ޓްރެވެލް ސޮލިއުޝަންސް ލިމިޓެޑުންނެވެ.
މި ޓިކެޓާ ބެހޭ ގޮތުން ކެންދޫ ދާއިރާގެ މެންބަރު ތަސްމީން މިއަދު ވިދާޅުވީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއިން ޒަމާނެއްގައި ވެސް އިންޑިޔާ އަށް ވަޑައިގަތުމުގެ ޕްލޭނެއް ކުރައްވާފައި ނެތް ކަމަށެވެ.
"އަޅުގަނޑު ނެތް އެއްވެސް ގޮތަކުން ޖީއެމްއާރުގެ ބަޔަކާ ބައްދަލުކޮށް ތިޔަ ކަހަލަ ކަމެއް ކުރުމުގެ ވިސްނުމެއް ވެސް ގެންގުޅެފައެއް. މިއިން ޒަމާނެއްގައި އިންޑިޔާ އަށް ގޮސްފައި ވެސް ނެތް. އަދި އިންޑިޔާ އަށް ދިއުމުގެ ޕްލޭނެއް ވެސް ނުކުރަން. ދެން ކިހިނެއްތޯ އަޅުގަނޑު ރިޒަވޭޝަން ވެސް ހައްދާނީ. ތިޔަ ބުނާ ޓިކެޓެއް އަޅުގަނޑު ނުގެންގުޅެން،" ތަސްމީން ވިދާޅުވި އެވެ. "ތިއީ ސިޔާސީ މައިދާނުގެ ހަވާސާގައި އުޅޭ މީހުން ފިތުނަ އުފެއްދުމަށްޓަކައި ކުރަމުންދާ ކަންތައްތަކެއް."
ޝާހިދު ވިދާޅުވީ ޖީއެމްއާރު ކުންފުނީގެ އެއްވެސް ބަޔަކާ އެއްވެސް އިރެއްގައި ބައްދަލު ކުރައްވައި ވާހަކަ ދައްކަވާފައި ވެސް ނުވާނެ ކަމަށެވެ.
"ފޯނުން ވެސް ނޯންނާނެ ޖީއެމްއާރު ބަޔަކާ ވާހަކަ ދައްކާ ހަދައިފައެއް. ވާހަކަ ދައްކައިގެންތާ ޖީއެމްއާރު ބަޔަކާ ބައްދަލުކުރަން އަޅުގަނޑު ރާވާނީ ވެސް. އަޅުގަނޑު ނޯންނާނެ ތި ކަހަލަ ކަމެއް ކުރަން އުޅެފައެއް،" ޝާހިދު ވިދާޅުވި އެވެ. "ދެން ވަރަށް ހިތާމަކުރަން ފިލާ ތިބެގެން މި ކަހަލަ ކަންތައް ބަޔަކު ކުރާތީ. މި ކަހަލަ ޑިމޮކްރެޓިކް ސިސްޓަމެއްގައި ކެރިވަޑައިގެން ކަންތައް ކުރައްވަން ވާނީ. މި ޒަމާނުގައި މީހުން ފިލާ ތިބެގެން ތިޔަ ކަހަލަ ކަންތައްތަކެއް ނުކުރޭ."
ޝާހިދު އަދި ވިދާޅުވީ އީ ޓިކެޓުގައި ހަވާލާދީފައިވާ ފްލައިޓްތަކުގައި އޭނާގެ ނަން ނޯންނާނެ ކަމަށް ޗެލެންޖް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ޗެލެންޖް ކޮށްފައި މި ދަންނަވަނީ އަޅުގަނޑު އިންޑިޔާ އަށް ނުދަން ކަމަށް. އެ ވިދާޅުވާ ފްލައިޓްތަކުގައި އަޅުގަނޑުގެ ނަމެއް ނޯންނާނެ. އަޅުގަނޑު ޖީއެމްއާރު ބަޔަކާ ބައްދަލެއް ނުކުރަން. އެހެންވީމަ އަޅުގަނޑު މި އެދެނީ އެ ވިދާޅުވާ ފްލައިޓްތަކުގައި އަޅުގަނޑުގެ ނަން އޮތްތޯ ބައްލަވާށޭ،" ޝާހިދު ވިދާޅުވި އެވެ.
ތަސްމީނާއި ޝާހިދު އިންޑިޔާގެ ދިއްލީ އަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓު ކަމަށް ބުނާ ޓިކެޓް ލީކްވިއިރު މީގެ ކުރިން ހަމަ އެ ވެބްސައިޓުގައި ބުނެފައި ވަނީ ދިއްލީ އަށް ކުރެއްވި އެ ދަތުރުގައި ޖީއެމްއާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެއިން ކޮންމެ ބޭފުޅަކު އެއް މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށެވެ. އެކަން ވެސް އެ ބޭފުޅުން ވަނީ ކުރިން ދޮގު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ