އަބްދުﷲ ގާޒީއާ މެދު ވެސް އަމަލުކުރީ އާއްމު އުސޫލުން: ހައިކޯޓު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހާޒިރުވުމަށް ފުލުސް އޮފީހުން ފޮނުވި ޗިޓް ބާތިލްކުރުމަށް ހުށަހެޅުމުން ހައި ކޯޓުން އަމުރު ނެރެފައިވާނީ އާއްމު އުސޫލުގެ މަތިން އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ޗިޓާއި ސުޕީރިއާ ކޯޓުތަކަށް ހާޒިރުވުމަށް އަންގާ އަމުރުތަކާ ގުޅޭ ގޮތުން ހައި ކޯޓުން އަމަލުކުރާ ގޮތާ ބެހޭ ގޮތުން ހަގީގަތް ހާމަކޮށްދިނުމަށް ހައި ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލަތަކުގައި މިހާރު ވެސް އަމަލުކުރަމުން އަންނަނީ ކުރީއްސުރެ އަމަލުކުރަމުން އަންނަ އުސޫލަށް ކަމަށެވެ.
"މުއައްސަސާތަކުގެ ވެރިންނާއި ހިންގަން ތިބޭ އިސް ފަރާތްތައް ކޯޓަށް ހާޒިރުވުމަށް ފޮނުވޭ އަމުރުތަކާއި ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވޭ ޗިޓްތައް ހައި ކޯޓަށް ހުށަހެޅި، ބަލަމުން އައުމަކީ ކުރީއްސުރެ ވެސް އަމަލުކުރެވެމުންދާ އުސޫލުކަމާއި އެއީ ހައި ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަން ދައުލަތުގެ ބަންޑާރަ ނައިބާ، އެންމެހާ ގާނޫނީ ވަކީލުންނަށް އެނގިވަޑައިގަންނަވާނެ އެވެ،" ހައި ކޯޓުގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ އެފަދަ ބައެއް މައްސަލަތައް ބަންޑާރަ ނައިބުގެ ފަރާތުން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޗިޓުގެ ނުވަތަ އަމުރުގެ ވަގުތު ޖެހުމުގެ ކުރިން ނުރަސްމީ ގަޑިތަކުގައި ވެސް އެފަދަ ޗިޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހައި ކޯޓުގެ ފަރާތުން އަބަދުވެސް އަޅަމުން އަންނަ ކަމަށް ހައި ކޯޓުން ބުންޏެވެ.
ހައި ކޯޓުން އެ ގޮތަށް އަމަލުކޮށްފައިވާ ބައެއް މައްސަލަތައް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މިގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހް މަދަނީ ކޯޓަށް ހާޒިރުކުރެވުނު އަމުރާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒު ސިވިލް ކޯޓަށް ހާޒިރުކުރުމަށް ކުރެވުނު އަމުރާއި ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ނެރެވުނު އަމުރާއި އަދި ބަންޑާރަ ނައިބު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ކުރެވުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން ވާނީ އަމުރުކޮށްފަ އެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ކޯޓުން ބުނި ގޮތުގައި އަބްދުﷲ ގާޒީއާ މެދު ވެސް އެ އުސޫލުގެ މަތިން ހައި ކޯޓުން އަމަލުކޮށްފައިވާ އިރު، އޭނާގެ ސުލޫކީ މައްސަލައާ ގުޅިގެން ޖޭއެސްސީގެ ނިންމުމަށް އަމަލުކުރުން ހުއްޓުވާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ އަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމާފައިވާ ނިންމުމާ ބެހޭ އެއްވެސް މައްސަލައެއް އެ ކޯޓަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް ހައި ކޯޓުގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ