ރާޅުގަނޑު ސަރަހައްދުގައި ހުރި އެމްޑީޕީގެ ކޭމްޕްތައް ސިފައިންނާއި ފުލުހުން ރޫޅާލުމާ ގުޅޭ ގޮތުން، އެތަނުގައި ހުރި ސިފައިންގެ މީހެއްގެ އަޑު ކަމަށް ބުނެ ރާއްޖެ ޓީވީން ފޮނުވި އޯޑިއޯ ގައި ވާހަކަ ދައްކާފައި ވަނީ ސިފައިންގެ މީހެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ރޭ ނެރުނު ބަޔާނެއްގައި އެމްއެންޑީއެފުން ބުނީ އެ އޯޑިއޯ އިން އިވޭ އަޑު ޑަބްކޮށް، އިފެކްޓެއް ގެނެސް އަދި އެއީ އަމިއްލަ އަށް ހަދާފައިވާ އަޑެއް ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ.
"މި ގޮތަށް ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލަން އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ކުށްވެރި ކުރަމެވެ. ދަންނަވަމެވެ. ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ދިވެހި ރައްޔިތުންގެ ހިމާޔަތާއި ގާނޫނު އަސާސީ ދެމެހެއްޓުމުގައި ތެެދުވެރިކަމާއެކު ގައުމަށް ހިދުމަތްކުރުން މަތި ދެމިތިބި ބައެއްކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
ސަލާމަތީ ބާރުތަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ ރާއްޖެ ޓީވީން ފޮނުވި އޯޑިއޯ ގައި ބުނެފައި ވަނީ ރާޅުގަނޑު ސަރަހައްދުގައި ހުރި އެމްޑީޕީގެ ކޭމްޕްތައް ސިފައިންނާއި ފުލުހުން ރޫޅާލައި ފާސްކުރިއިރު ފެނުނު ބިއަރު ދަޅުތަކަކީ ސަލާމަތީ ބާރުތަކުން އަމިއްލަ އަށް އެތަނަށް ވެއްދި އެއްޗެހިތަކެއް ކަމަށެވެ. އަދި ވަކި ފޮށިގަނޑަކަށް ލައިގެން ގޮސް، ކޭމްޕްގައި ހުރި އެމްޑީޕީ އަށް ނިސްބަތްވާ ގޮތަށް ބޭރުގައި ނަން ޖަހާފައި ހުރި ފުޅިމަދު ފޮށިގަނޑަކަށް އެ ދަޅުތައް ލީ ކަމަށާއި އޭގައި ފިނިކަން ވެސް ހުރި ކަމަށް އޭނާ ބުނެފައިވެ އެވެ.
އެހެން ނަމަވެސް ރާއްޖެ ޓީވީގެ އިސް އޮފިޝަލަކު ވަނީ އެމްއެންޑީއެފުން ނެރުނު ބަޔާން ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ، ބިއަރު ދަޅުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކީ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެއީ ސައްހަ އޯޑިއޯއެއް ކަމަށެވެ.
"އެކަމަކު މި ހާލަތުގައި އޭނާގެ އަޑު އިނގެން ބޭނުން ނުވާތީ ކޮންމެވެސް ވަރަކަށް އޯޑިއޯގައި އިފެކްޓެއް ލާފައި ހުންނާނެ. އެހެން ނަމަވެސް އެއީ ހަމަ ސައްހަ އޯޑިއޯ އެއް. ރާއްޖެ ޓީވީ އަކުން ހަގީގަތާ ހިލާފު ވާހަކައެއް ނުފަތުރާ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ ޓީވީން ފޮނުވި އޯޑިއޯ އަކީ އަމިއްލަ އަށް ހަދާފައިވާ އެއްޗެއް: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ