ތަރައްޤީއަށް ފާޑު ކިޔަނީ އެއީ ނުވާ އެއްޗެއް ކަމަށް ދައްކަން: ސިއްދީޤް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީއަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީ އެބައިމީހުންނަށް ފެންނަ ތަރައްޤީއަކީ ނުވާ އެއްޗެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދިވހެިރާއްޖެއަށް އަންނަމުންދާ ތަރައްޤީ ފެނި އިދިކޮޅު ފަރާތްތަކުގެ ހިތްތަކަށް މާޔޫސްކަން ވެރިވީ، މި ތަރައްޤީ މިގޮތުގައި ރާޢްޖެއަށް އަންނަމުންދާ ނަމަ، އެމަނިކުފާނަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެތީކަން ޔަޤީން ވުމުން ކަމާމެދު ދެބަސްވެވޭ ކަށްނެތެވެ. ހުޅުލެއާއި މާލެއާއި ދެމެދު ބްރިޖެއް އެޅުމުން އެކަމުގެ ފަސޭހަ ތިމާމެންނަށް ލިބޭނެކަން ދެނެހުރެމެ، ބްރިޖްގެ މަޝްރޫއަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ބޭރުގެ އެހެން ޤައުމުތައް ފަދައިން ޤައުމު ތަރައްޤީ ކުރާނެ ކަމަށް ސަރުކާރުން ބުނުމުން އެކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ޖޯކު ޖަހަމުންނެވެ. ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސިއްދީޤް ވިދާޅުވީ، ރައީސް ޔާމީނަކީ، ދިވެހިންގެ ހިތްތަކަށް ތަސައްވަރު ނުކުރެވޭފަދަ ތަރައްޤީ ރާއްޖެއަށް ގެންނަވަމުންދާ ވެރިއެއް ކަމަށާއި އެތަރައްޤީއަށް އިދިކޮޅު ފަރާތްތަކުން "ޖޯކު" ޖަހަނީ އެބައިމީހުންނަށް ފެންނަ ތަރައްޤީ އަކީ ނުވާއެއްޗަކަށް ހެދުމަށްކަށް ކަމަށެވެ. ސިއްދީޤް ވިދާޅުވީ ރައީސް ޔާމީން ފަދަ ވެރިއަކަށް ރާއްޖެ ސިންގަޕޫރަށްވެސް އަދި ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ފަދަ ތަނަކަށްވެސް ހެދިދާނެ ކަމަށެވެ. ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ޤައުމުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީ ގެންނާނެ ގޮތެއް އެނގިވަޑައި ނުގެންނެވި ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ޤައުމު ތަރައްޤީ ކުރައްވަމުން ގެންދަވަނީ ބޭރުގެ ނަމޫނާ ޤައުމުތަކުން މިސާލު ނަންގަވައިގެން ކަމަށް ސިއްދީޤް ވިދާޅުވީ. ތަރައްޤީގެ މަގުގައި ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ފައި ހަމަކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނަނީ މި ސަބަބާއި ހުރެ ކަމަށް ސިއްދީޤް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެން ކައިރިވެފައިވާއިރު، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ކަމަށް ގިނަ ރައްޔިތުން ޤަބޫލް ކުރަނީ އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވާފައިވާ އިންޤިލާބީ ބަދަލުގެ ސަބަބުން ކަމަށް ސިއްދީޤް ވިދާޅުވިއެވެ. މިއަދު ދިވެހި ރައްޔިތުން ފަނާކުރުވަނިވި ފިކުރަށް ތާއީދު ނުކުރަނީ އެފިކުރުގެ މީހުންނަށް ޤައުމު ތަރައްޤީ ކުރަން ފުރުސަތު ލިބުމުން ޤައުމުގައި ހުޅުޖަހާފައިވާތީ ކަމަށްވެސް ސިއްދީޤް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ