ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ މެންދުރުފަހު 1:00 ޖަހާއިރު އެވެ. މިމައްސަލާގައި އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމުގެ ނަމުގަ އެވެ. މިތިން ބޭފުޅުންގެ ފަރާތުން މިމައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ ކުރީގެ ސޮލިސިޓާ ޖެނަރަލް އިބްރާހިމް ރިއްފަތާއި ސަފާ ޝަރީފް އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރުމަށެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ނާއިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މިއިސްލާހު ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ މިއިސްލާހު ތަސްދީގު ކުރެއްވީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.
އަބްދުއްރަހީމް އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކުރުމަށެވެ. އެގޮތުން ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކޯޓުން ކުރާ ހުކުމަކުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެއްޖެނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ކޯޓުން މިފަދަ ހުކުމެއް އައިސްފިނަމަ އެއީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާނެ ކަމަށާއި އެހެންކަމުން ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ވަކިކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް މިހާލަތުގައި ނުހިނގާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާއަކީ ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރުމާ ގުޅޭ ބައިތައް ހިމެނޭ މާއްދާ އެވެ. އެގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރަކު ހައްޔަރުކުރުމާއެކު މުސާރަ ލިބޭ ގޮތަށް ޖޭއެސްސީން އެ ބޭފުޅަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފިނަމަ މުސާރަ ކަނޑާލަން ޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
މީގެ އިތުރަށް ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓުން ކުރާ ހުކުމް ހައިކޯޓުގައި 10 ދުވަސް ތެރޭގައި އިސްތިއުނާފް ކުރުމަށާއި އަދި މައްސަލަ އިސްތިއުނާފް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން އެމައްސަަލަ ނިންމަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ހައިކޯޓުން ނިންމާ މައްސަލަ ވެސް 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަންޖެހޭނެ ކަމަށާއި މައްސަލަ އިސްތިއުނާފް ކުރާތާ 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެމައްސަލަ ނިންމަންޖެހޭނެ ކަަމަށްވެސް އިސްލާހުގައިވެ އެވެ.
ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވުމާއެކު މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު އެބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. އަދި މި ބޭފުޅުންގެ މައްޗަށް ޖިނާއީ ބައެއް މައްސަލަތަކުގައި ދައުވާ އުފުލުމަށްފަހު މުސާރަ ދިނުން ވަނީ ހުއްޓާލާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް މިގޮތަށް އިސްލާހު ގެނައި ނަމަވެސް ގާނޫނުއަސާސީއަށް ބަދަލުނުގެނެސް ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލުންނާއި އިދިކޮޅު މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ. މިގާނޫނަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދައްކައި ނުހައްގުން މަގާމުން ވަކިކުރުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ.
ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ