މާދަމާ އިސްރާއީލާ ކުރިމަތިލުމަށް ޣައްޒާގެ ރައްޔިތުން ވަރުގަދައަށް ތައްޔާރުވެއްޖެ

އިސްރާއީލާ ދެކޮޅަށް މާދަމާ އަނެއްކާވެސް ވަރުގަދައަށް މުޒާހަރާ ކުރުމަށް ޣައްޒާގެ ރައްޔިތުން ތައްޔާރު ވެއްޖެއެވެ.
އެގޮތުން، ޣައްޒާ-އިސްރާއީލު ވަކިކުރާ ސަރަހައްދީ އިމުގެ ފަސް ދިމާއަކަށް ފަލަސްތީނުގެ އެތައްހާސް ބަޔަކު ޖަމާވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ސަރަހައްދުތަކަކީ މީގެ ހަފްތާއެއްކުރިން ފަލަސްތީނު މީހުން ޓެންޓްތައް ޖަހައި ތައްޔާރު ކޮށްފައިވާ ސަރަހައްދުތަކެވެ.
މިދިޔަހަފްތާގެ ހުކުރު ދުވަހު ސަރަހައްދީ އިމަށް މުޒާހަރާއަށް ނުކުތް މީހުންގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި 18 މީހަކު ޝަހީދުކޮށް އެތައްސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައިވާއިރު، އިސްރާއީލުން މިއަދުވެސް ބުނެފައިވަނީ، މާދަމާ މުޒާހަރާއަށް ނުކުންނަ މީހުންގެ ގަޔަށް ބަޑިޖެހުމަށް ކަނޑައަޅާފައި އޮތް އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
މާދަމާ މީހުން އެއްވާ ވަގުތާ ދިމާކޮށް އިސްރާއީލުގެ އިމުގެ ތެރޭގައިވެސް ސިފައިން މަގާމު ހަދައި، އަދި ފިލާތިބެ ބަޑިޖަހާ މީހުންވެސް ތައްޔާރުވާނެ ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.
މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ، މުޒާހަރާގެ ބައިވެރިންގެ އެއްވެސް މީހަކު ޣައްޒާ-އިސްރާއީލު ވަކިކުރަން ޖަހާފައިވާ ފެންސާ ގާތަށް ދިއުން އަދި އޮށްގާ އުކުން ނުވަތަ އަލިފާން ރޯކޮށް އިސްރާއީލު ސިފައިންނާ ދިމާށް ޓައިރު ދުއްވުން މާދަމާ ހުއްޓުވަން މަސައްކަތް ކުރާނޭ ކަމަށެވެ.
ނަމަވެސް، މާދަމާގެ މުޒާހަރާއަށް އަންނައިރު ޓައިރު ގެންނަން ފަލަސްތީނުގެ ސޯޝަލް މީޑިއާގައި މެސެޖް ދައުރުވުމާއި، އިން ވަކިކުރަން ޖަހާފައިވާ ފެންސަށް އެއްވެސް ގެއްލުމެއްވިޔަ ނުދޭނޭ ކަމަށާއި، ފެންސް ހުރަސްކޮށް އިސްރާއީލުގެ ތެރެއަށް އެއްވެސް މީހަކު ވަނަނުދޭނޭ ކަމަށް އިސްރާއީލުން ވައުދުވެފައިވާތީ، މާދަމާ އިތުރު ބަޔަކު މަރުވުމުގެ ބިރު އުފެދިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.
ފަލަސްތީނުގެ ޒުވާންފުރައިގެ ކުދިން މިހާރުވެސް ގެންދަނީ ރަށުތެރެއިން ޓައިރު އެއްކޮށް ސަރަހައްދީ އިމަށް ޖަމާކުރަމުންނެވެ. އެއީ އޭގައި އަލިފާން ރޯކޮށް ފެންސު ކައިރިއަށް ދުއްވައި، އެއިން އަރާ ބޯދުން ނިވާފަށްގަނޑަކަށް ހެދުމަށެވެ. އެގޮތަށް ހެދުމުން އިސްރާއީލު ފަޅީގައި ފިލާތިބޭ ސިފައިންނަށް ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހަން ދަތިވާނެތީއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ބާ ޓައިރު ގަތުމަށްޓަކައި ފަލަސްތީނު ޒުވާނުންވަނީ ރަށުތެރޭގައި ފައިސާ އެއްކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.
އިސްރާއީލުގެ ޖައްލާދު ދިފާއީ ވަޒީރު އަވިގޯރ ލީބަމަން މިއަދު އިންޒާރު ކޮށްފައިވާގޮތުގައި، މިދިޔަ ހަފްތާއެކޭ އެއްގޮތަށް މާދަމާވެސް ސިފައިން ބަޑިޖަހަން ތައްޔާރުވެފައިވާ ކަމަށެވެ. އެ އުސޫލަށް ބަދަލެއް ނުގެންނާނޭ ކަމަށްވެސް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ