ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންވާނެ ކަމަށާއި އެންގުމުގައި ހުރި ކަންކަން ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ގޮވާލައިފި އެވެ.
އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫއިން ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ބަޔާންތައް ނެރެފައި ވަނީ އީޔޫގެ ޕާލިމެންޓުން ކަމަށެވެ. ނަމަވެސް މިއަދު ފާސްކޮށް ގޮތެއް ނިމިގެން ދިޔައީ ފަހު ބަސް ބުނާ ކައުންސިލުން ކަމަށެވެ. އަދި އީޔޫއިން ރާއްޖެއާ މެދު ފިޔަވަޅު އަޅަން ނުނިންމި ނަމަވެސް އެ އިންޒާރުގެ ސަބަބުން ވެސް ރާއްޖެއަށް ގެއްލުންތަކެއް ވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އެކަމުގެ ތަފްސީލުދެއްވަމުން ޝާހިދު ވިދާޅުވީ އީޔޫގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓު ކުރަން ފަސް ޖެހޭނެ ކަމަށާއި އޭގެ އިތުރުން ބެންކުތަކުން ދޭ އެހީތަކަށް ވެސް އޭގެ ސަބަބުން ހުއްޓުމެއް އަތުވެދާނެ ކަމަށް ވިދާޅުވަމުން ޝާހިދު ވަނީ އެހެންކަމުން އީޔޫއިން ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ސަރުކާރަށް ގޮވާލާފައެވެ.
"ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ވިސްނާ ކަމަށް އީޔޫއިން ބުނުމުން އެއިން ދޭހަކޮށްދެނީ ޔޫރަޕުގެ އިންވެސްޓަރުންނަށާއި ބޭންކުތަކާއި އެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އަސަރު ކުރާނެ، އެއީ މީގެ ނަތީޖާއަކީ، އީޔޫއިން ރާއްޖެއާ މެދު އަޅާނީ ކިހާވަރެއްގެ ފިޔަވަޅެއްތޯ ވިސްނަމުން ގެންދާ އެއްވެސް ބޭންކަކުން ރާއްޖެއަށް މިހާރު އެހީ ނުދޭނެ،" ޝާހިދު ވިދާޅުވި އެވެ.
އީޔޫއިން ފާހަގަ ކުރި މުހިއްމު ބައެއް ނުކުތާތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ޖުޑިޝަރީއާއި ޕާލަމެންޓް، އާއްމު ހާލަތުގައި ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އީޔޫ ފޮރިން އެފެއާޒް ކައުންސިލުން ގަބޫލުކުރެ އެވެ.
ދެވަނަ ކަމެއްގެ ގޮތުން ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުުންގެ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮތްއޮތުމެވެ.
އަދި މީގެ އިތުރުން ތިންވަނަ ކަމަކަށް ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ޑިމޮކްރެޓިކް އުސޫލުން ބާރުތައް ވަކިވެފައިވާ ހާލަތެއް ނޫންކަމަށް ބަޔާންކޮށް އަދި މިހާލަތުން އަރައި ނުގަންނަ ނަމަ "ޓާގެޓެޑް މެޝާޒް" ނުވަތަ ވަކި ވަކި މުއައްސަސާތަކާއި މީހުނަށް ފިޔަވަޅު އަޅަން ވިސްނާނެ ކަމަށް އޮތް އޮތުން ފާހަނގަކޮށްލެވެއެވެ.
އިޔޫގެ ނިންމުމާގުޅިގެން ބޮޑެތި ގެއްލުންތަކެއް ވާނެ: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ