މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ: ނަޝީދު

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވެ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށާއި އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުން ލިބިދޭން ޖެހޭ ސާވިސް ޗާޖް މިހާރު އެ ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓައިނުލާނެ ކަމަށްވެސް ނަޝިދު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭނުންވާ ގާނޫނު މިހާރު ވަނީ އިސްލާހު ކޮށްފަ އެވެ. ގާނޫނު އިސްލާހު ކުރީ އެމްޑީޕީގެ 65 މެމްބަރުން ހިމެނޭ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ފާސްކުރި އެބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަސްދީގުވެސް ކުރައްވައިފަ އެވެ. އެ ގާނޫނުގައި ވާގޮތުން މިނިމަމް ވޭޖު ކަނޑައަޅަންޖެހޭނީ މި އަހަރު ފަހުކޮޅު އެވެ.
މިނިމަމް ވޭޖު ކަނޑައަޅަން ޖެހެނީ ވަކިވަކިން 9 ސިނާއަތަކަށެވެ. އެއީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ޓޫރިޒަމް ސިނާއަތް، ކޮންސްޓްރަކްޝަން ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ، މެރިޓައިމް ގެ އިތުރުން ޝިޕިން ސިނާއަތެވެ.
ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި މިނިމަމް ވޭޖު ފުރަތަމަ ކަނޑައަޅާއިރު ބިދޭސީ މަސައްކަތްތެރިން އޭގައި ނުހިމަނާނެ އެވެ. އެހެންނަމަވެސް ތަފްސީލުކޮށް އުސޫލު އާންމު ކުރާނެ ކަމަށްވެސް ސަރުކާރުން އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ