ދެ އިންތިހާބަށް 498،184 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބޭނުންކުރުމަށް 498،184 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ޕްރިންޓް ކޮށްފައިވާ ޖުމްލަ ވޯޓް ކަރުދާހުގެ ތެރެއިން 275،860 ވޯޓު ކަރުދާހަކީ ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންކުރާ ވޯޓު ކަރުދާސް ކަމަށެވެ. އަދި 222،324 ވޯޓު ކަރުދާސް ބޭނުންކުރާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކަމަށެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް ވޯޓް ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސްއާ ހަވާލުކޮށްގެންނެވެ.
އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށް ކޮންމެ ދާއިރާއަކަށް ވެސް އެއް ޕަސެންޓް އިތުރަށް ލައިގެން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި މިހާރު ވަނީ ކޮންމެ ދާއިރާއަކަށް ވޯޓް ކަރުދާސް ޕްރިންޓް ކުރި ގޮތުގެ އަދަދުތައް ވަކިވަކިން ހާމަކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ފޮނުވަންޖެހޭ ވޯޓު ފޮށިތަކާއި އޮފިޝަލުން މިހާރު ވަނީ ފޮނުވާފަ އެވެ.
ކޮވިޑް 19 އާއި ގުޅިގެން ބައެއް ކަންކަމުގައި ދަތިތަކެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިހާބަށް ތައްޔާރުވެވިފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ