"ހަވީރު" ވިއްކާލަނީ!

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު ނޫސް "ހަވީރު" ވިއްކާލަން ނިންމައިފި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ 1، 1979 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ "ހަވީރު" ނޫސް ވިއްކާލުމުގެ މަސައްކަތް ހަވީރުގެ މެނޭޖުމަންޓް ވަނީ ފަށާފަ އެވެ. އަދި މި ހަފުތާގެ ތެރޭގައި "ހަވީރު" ވިއްކާލާނެ އެވެ.
"ހަވީރު" ވިއްކާލުމާ ބެހޭ ގޮތުން މިހާތަނަށް އެ ނޫހުގެ ފަރާތުން ރަސްމީކޮށް އެއްވެސް އެއްޗެެއް ބުނެފައެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ހަވީރު" ވިއްކާލަން އެ ނުހުގެ ޗެއާމަން އަދި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ނިންމެވީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ތިން ވިޔަފާރިވެރިއަކު "ހަވީރު" ގަތުމަށް ހުށަހެޅުމުންނެވެ.
ހަވީރުގެ ސީނިއާ މެނޭޖްމެންޓްގެ ބައެއް ބޭފުޅުންނާ ހަވާލާދީ ބައެެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ "ހަވީރު" ގަތުމަށް މަޝްހޫރު ތިން ވިޔަފާރިވެރިއަކު މަސައްކަތް ކުރައްވަމުން ގެންދަވާތީ "ހަވީރު" ވިއްކާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ނޫސް ގަތުމަށް ހުށަހެޅި ވިޔަފާރިވެރިން ކިޔާ އަގު ތިން މިލިއަން ޑޮލަރަށްވުރެ ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.
"ހަވީރު" ވިއްކާލަން ނިންމުމާ ގުޅިގެން ޑރ. ޒާހިރު ހުސައިން ރޭގެ ވަގުތެއްގައި ހަވީރުގެ ހުރިހާ އިސްވެރިންނާ ބައްދަލު ކުރައްވާ އެ ނިންމެވުމުގެ ހަބަރު ދެއްވާފަައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
"ހަވީރު" ގަތުމަށް މަސައްކަތް ކުރައްވަނީ ކޮން ވިޔަފާރިވެރިންތަކެއް ކަމަށް ސާފު ނުވި ނަމަވެސް އެކަމަށް މަސައްކަތް ކުރައްވަނީ މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާއްސަ މަންދޫބް ސަރަނގު އާދަމް މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އިތުރު ވިޔަފާރިވެރިއަކު ކަމަށް ސޯޝަލް މީޑިޔާގައި ހަބަރު ފެތުރިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ