ހިންވަރުން ކަރަންޓު ކަނޑައިގެންދާ މައްސަލަ ބޮޑުވެފައި

ޅ.ހިންނަވަރަށް ކަރަންޓު ދޭން ބޭނުން ކުރަމުން ދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން ޖަނރޭޓަރަކަށް މައްސަލައެއް ދިމާވެ އެ ރަށުން ކަރަންޓު ކަނޑައިގެންދާތާ މަހެއްހާ ދުވަސް ވެއްޖެއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ހިންވަރު ކައުންސިލުގެ ނައިބް ރައީސް އިބްރާހީމް ގާސިމް ވިދާޅުވީ އެ މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް އިންޖީނުގެއިން ބުނެފައިވާ ކަމަށެވެ.
"އިއްޔެ ކަރަންޓު ދިޔަ ގޮތަށް ރޭ ނުވައެއް ޖެހިފަހުން ކަރަންޓު ލިބުނީ. މިހާރު ވަގުތީ ހައްލެއް ލިބިއްޖެ ކަމަށް ބުނި ނަމަވެސް އަދި ވެސް ކަރަންޓު ނުދާނެ ކަމުގެ ޔަގީންކަމެއް ނެތް،" ގާސިމް ވިދާޅުވިއެވެ.
އާބާދީގައި 4960 މީހުން ދިރިއުޅެމުން ގެންދާ ހިންނަވަރަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ ފެނަކައިންނެވެ.
"މަހެއްހާ ދުވަސްވީ ކަރަންޓު ކަނޑައިގެންދާތާ. ތިން ޖަނަރޭޓަރުގެ ތެރެއިން އެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވީމަ ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭ. އެހެންވެ ކަރަންޓު ދެމުން ދިޔައީ ކޮންމެ ދުވަހަކު ވެސް ރަށުގެ އެކި ހިސާބުތަކަށް އެކި ފަހަރު،" ގާސިމް ވިދާޅުވިއެވެ.
ހިންވަރަށް ކަރަންޓު ދޭން ބޭނުން ކުރަމުން ދަނީ 360 ކިލޯވަޓްގެ ޖަނަރޭޓަރަކާއި 200 ކިލޯވަޓްގެ ދެ ޖަނޜޭޓަރު ބޭނުންކޮށްގެންނެވެ. ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވަނީ 360 ކިލޯވަޓުގެ ޖަނަރޭޓަރުގައެވެ.
މިހަބަރާއި ގުޅޭ ގޮތުން ފެނަކައިގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ