ފުލުހުން ޔާމީން ހައްޔަރުކުރުމުގެ ބަދަލެއްގެ ގޮތުގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ހުކުމްކޮށްފި

ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެކަމުގެ ބަދަލު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ފުލުހުންގެ މައްޗަށް ކުރެއްވި ދައުވާގައި ޔާމީނަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަދި މި ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ވަނީ އަންގާފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓަށް ކަނޑައަޅާއިދެވޭނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވާއިރު އެ ހުކުމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް އެ ހުކުމަށް ތަބާވާންޖެހޭކަން ސާފު ނައްސުން އެނގެން އެބަ އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
"މިހެންކަމުން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 29 ޖޫން 2010 ދުވަހު ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބަލަންޖެހޭ" ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ ޖޫން ،29 2010 ގެ ހަވީރު 30: 6 އިން ފެށިގެން، ސުޕްރީމް ކޯޓުން، ޖުލައި ،11 2010 ގެ ހަވީރު 50: 6 ގައި ޔާމީންގެ މައްސަލާގައި ހުކުމްކުރުމާ ހަމަށް އޭނާ ހުންނެވީ ގާނޫނާ ހިލާފަށް ބަންދުކޮށްފައި ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އެ 13 ދުވަހާއި 20 މިނެޓަށް ގާނޫނުއަސާސީގެ 58 ވަނަ މާއްދާގައި ބުނާ ގޮތަށް ބަދަލު ލިބުމުގެ ހައްގު ޔާމީނަށް ލިބިގެންވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފަ އެވެ.
ގާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، އަސާސީ ހައްގުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ޑިމޮކްރަޓިކް މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ދަމަހައްޓަން ވާނެ ކަމަށާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކުރަންވާނެ ކަމަށް ބުނާއިރު އެކަމަށް ހުކުމުގައި ރިއާޔަތްކޮށްފައިވެ އެވެ.
އެހެންވެ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ފަރާތްތަކަށް ބަދަލު ނަގާދިނުމުގައި އިނގިރޭސިވިލާތުގައި އަމަލުކުރާ އުސޫލުން އެ ގައުމުގައި ކޮށްފައިވާ ހުކުމަކަށް ރިއާޔަތްކޮށް އެ ގޮތަށް ކަންކުރުމަކީ ގާނޫނީ އަދި ޝަރުއީ އިމުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެގޮތުން ބަންދުކޮށްފައި ބެހެއްޓުމުގެ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 66،515.55 1ރ. އާއި ޔާމީން ގާނޫނާ ހިލާފަށް ބަންދުކުރި ގޮތާއި ހާލަތާއި އެކަމުގެ ސަބަބުން ޔާމީނަށް ކުރިމަތިވި ލަދުވެތިކަމާއި މީހުންގެ ކުރިމަތީގައި އޭނާގެ މަގާމަށް އައި ބަދަލަށް ބަލައި އެގްރަވޭޓެޑް ޑެމޭޖަސްގެ ގޮތުގައި 15،000ރ. ދޭން ހުކުމްކޮށްފައިވެ އެވެ.
މީގެ އިތުރުން ޔާމީން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެކަށީގެންވާ މިންވަރަށް ވުރެ ހަރުކަށިކޮށް ކަމަށް ކަނޑައަޅައި އެގްޒެމްޕްލަރީ ޑެމޭޖަސްގެ ގޮތުގައި 41،600ރ. ދިނުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ޔާމީންގެ ގޭގެ ސަލާމަތީ ކަންތައް ވަރުގަދަކުރުމަށް 20،915.70ރ. އޭނާ ހަރަދުކުރެއްވިކަން އެނގެން އެބަ އޮތް ކަމަށާއި އެހެންވެ އެ ފައިސާއާ އެކު ޖުމުލަ 44،031.25 2ރ. ދޭން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީންގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ