ތޮއްޑޫ ޖަލްސާގައި 300 މީހުން އެމްޑީޕީ އަށް ސޮއިކުރާނެ: ދާއިރާގެ ރައީސް

މާދަމާ ރޭ ސަރުކާރު ހިންގާ އެމްޑީން ތޮއްޑޫގައި ބާއްވާ ޖަލްސާގައި އއ. އަތޮޅުގެ އެކި ރަށްރަށުން 300 ވަރަކަށް މީހުން އެމްޑީޕީ އަށް ސޮއިކުރާނެ ކަމަށް އެ ޕާޓީގެ ތޮއްޑޫ ދާއިރާ އިން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން ވިދާޅުވީ މި ޖަލްސާގައި ތޮއްޑޫން އެކަނި 180 ވަރަކަށް މީހުން އެމްޑީޕީ އަށް ސޮއިކުރާނެ ކަމަށެވެ. އަދި ބާކީ މީހުންނަކީ އަތޮޅުގެ އެކިއެކި ރަށްރަށުން ޕާޓީ އަށް ސޮއިކުރާ މީހުން ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ.
"ތޮއްޑޫން އެމްޑީޕީ އަށް ސޮއިކުރާ އެންމެންނަކީ ޑީއާރުޕީ މީހުން. އެހެންވެ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތޮއްޑޫގެ އާބާދީގެ މެޖޯރިޓީ އެމްޑީޕީ އަށް މިހާރު މިވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ވަރަށް ހާއްސަ ވާނެ ކަމަށް ޝިޔާން ވިދާޅުވި އެވެ. އެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތޮއްޑޫ ދާއިރާ މެކުހަށް" ގެ ނަމުގައި ބާއްވާ މި އިވެންޓުގައި މިދިޔަ މޭ 20 ގައި އެމްޑީޕީ އަށް ސޮއިކުރެއްވި ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ އޭނާ އެ ޕާޓީ އަށް ސޮއިކުރެއްވި ފަހުން އެމްޑީޕީން ތޮއްޑޫގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ