އިދިކޮޅަކާ ނުގުޅޭނަން، އިސްލާޙީ މަސައްކަތް މިކުރަނީ އަޅުގަނޑުމެން - މެމްބަރު މުބީން

ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އިސްލާޙުކުރުމުގެ ނަމުގައި ކުރާ މަސައްކަތް ހުއްޓާލުމަށާ، ދޮގު ހަދަން ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވީ، ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ، މުބީން އަށް އަމާޒުކޮށް ދެއްކެވި ވާހަކަ ތަކަކާއި ގުޅިގެންނެވެ. މުހައްމާ ބުނީ، ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް މުބީން ގަބޫލުކުރައްވާ ކަމަށާއި މުބީންގެ ބައެއް ވާހަކަތަކުން، ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ސަރުކާރުން އަމަލުކުރާ ގޮތާ މެދު ވެސް އޭނާގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ސާފުވާ ކަމަށެވެ.
އެހެން ނަމަވެސް މި ވާހަކަތައް ދޮގުކުރައްވައި މުބީން ވިދާޅުވީ އޭނާ ހުންނެވީ ސާބިތުކަމާއެކު ރައީސް އަބްދުﷲ ޔާމީނާ އެކުގައި ކަމަށެވެ. އެމަނިކުފާނު ދޫކުރައްވައި އިދިކޮޅާ ގުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އޭނާ ކުރަމުން ގެންދަނީ އިސްލާހީ މަސައްކަތްކަމަށާއި، ގައުމާއި ރައްޔިތުންގެ ހައްގުގައި މި ކުރާ މަސައްކަތް ދޫކޮށްލައި ހުސް ދޮގު ވާހަކަތައް ދައްކަން އިދިކޮޅަށް ދާންވީ ސަބަބެއް ނެތްކަމަށެވެ. މީގެ އިތުރަށް މުބީން ވިދާޅުވީ "މުހައްމާއާ އެފަދަ ވާހަކައެއް ދެކެވިފައެއް ނޯންނާނެ ކަމަށެވެ. އެހެން ދިމާވާ ފަހަރަކު ވެސް މުހައްމާ އަށް ނަސޭހަތްދީ، މިހާރު އެ އުޅޭ ގޮތް ދޫކޮށްލައި އަނބުރާ ޕާޓީއާ ގުޅިވަޑައިގަތުމަށް ވިދާޅުވެފައިވާ ވާނެކަމަށްވެސް މުބީން ވިދާޅުވި އެވެ.
ޕީޕީއެމްގައި ތިއްބެވި ހުރިހާ މެމްބަރުން އިދިކޮޅާ ގުޅިވަޑައިގަންނަވާނެ ކަމަށް މުހައްމާ ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވަމުން މުބީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މެމްބަރުން ގުޅިވަޑައިގަންނަވާނީ ޕީޕީއެމާ ކަމަށެވެ. ރައީސް ޔާމީނާ އެކު މިހާރު ތިއްބެވި އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުބީން ވިދާޅުވީ ބޮޑު ކޯލިޝަނެއްކަމަށް ދައުވާ ކުރާ ބަޔަކު އެއްވާން ގޮވާލީމާ އެ އެއްވާ މީހުންގެ ހަތަރު ގުނަ މެޑަމް ފާތުން އެކަނި ބާއްވާ އެއްވުމަކަށްވެސް އެއްވާނެ ކަން ޔަޤީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ