އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކްރަމް އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އަހުމަދު އަކްރަމް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަކްރަމް، އީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަކްރަމަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އަކްރަމް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015ގައެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމަށް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ.
އީސީގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ އެއް މެމްބަރަކީ ވެސް އަކްރަމެވެ.
އީސީގައި މިހާރު ތިއްބަވަނީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ފުއާދު ތައުފީގު، އިސްމާއިލް ހަބީބް އަދި އަލީ ނަޝާތުއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަކްރަމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ވެސް އަކްރަމެވެ.
އަކްރަމްގެ ނަން ރައްޔިތުންގެ ރމަޖިލިހުގެ ތަޅުމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ