އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ނަގައި މަޖިލީހަށް ހުށަހަޅައިފި

ލޯކަލް ކައުންސިލް އިންތިޚާބާ ގުުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށްފަހު އެކަމަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އަންނަ މަހު ބާއްވާ އިންތިޚާބު ފަސްކުރަން އީސީ އިން އެންމެ ފުރަތަމަ ހުށަހެޅީ ހައި ކޯޓަށެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި މައްސަލަ ނެގުމަށްފަހު، އެކަމަށް ހައްލެއް ހޯދައިދޭން ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.
އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް "މިހާރު" އަށް މިއަދު ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއާއެކު ރޭ ބޭއްވި ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާ ބެހޭ ގޮތުން ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އެކަން މަޖިލީހަށް ހުށަހެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.
Inthihaabu baavvaa thaareekh faskurumah takai, Majileehun halleh hoadhdhavai dhevvi dhaane kamah minivan muassasaa thakaa behey committee in vidhaalhuvefai vaathee SC ah hushahelhi massala anburaa genesfai vaa vaahaka dhannavan.— Elections Commission (@ElectionsMv) March 18, 2020
"ގާނޫނަަށް ބަދަލު ގެނެސްގެން އިންތިޚާބަށް ހައްލު ހޯދައިދޭނެކަމަށް ކޮމެޓީން ވިދާޅުވީމަ ސުޕްރީމް ކޯޓުން މައްސަލަ ނެގީ،" އަކްރަމް ވިދާޅުވި އެވެ.
ގާނޫނު ބުނާގޮތުން، ހިނގާ ކައުންސިލްގެ ދައުރު ހަމަވުމުގެ އެއްމަސް ކުރިން އާ ކައުންސިލަރުން އިންތިޚާބުކުރަން ޖެހެ އެވެ.
މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުއްދަތުގައި އެކަން ނުކުރެވޭނެތީ، އީސީން ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އިންތިޚާބު ފަސްކުރަން ނިންމައިފަ އެވެ. އެއީ އިންތިޚާބު ފަސްކުރަން ގާނޫނުގެ ތެރެއިން އީސީއަށް އެކަން ކުރަން ލިބޭ އެންމެ ފަހު ދުވަހެވެ.
Inthihaabu fass kuran hushahelhi massala high court in nagai supreme court ah hushahalhaifi
Mihaaru
އެ ތާރީހުގެ ފަހުން އިންތިޚާބު ބާއްވާނަމަ އެކަން ކުރެވޭނީ ހައި ކޯޓުން ނެރޭ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.
ހައި ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށްފަހު، މި ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހެޅީ، އަކްރަމް ވިދާޅުވި ގޮތުގައި މައްސަލައިގެ ބާވަތުންނެވެ. އެއީ، އާ ކައުންސިލެއް އިންތިޚާބު ނުކުރެވޭ ހާލަތެއްގައި ގައުމު ދުސްތޫރީ ހުސް ކަމަކަށް އަތުވެދާނެތީ، އެކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ