ފީފާ އިން މެމްބަރު ގައުމުތަކަށް 150 މިލިއަން ޑޮލަރުގެ އެހީއެއް

ޒިއުރިކް (އޭޕްރިލް 25) – ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފީފާ އިން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.
ފީފާ އިން ބުނީ ފުޓްބޯޅަ އާއިލާ އަށް އެހީވުމުގެ ގޮތުން ހަދާ ރިލީފް ޕްލޭނުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މެމްބަރު 211 އެސޯސިއޭޝަނަށް ކުރިއަށް އޮތް ދުވަސްތަކުގައި މި ފައިސާ ދޫކުރަން ކަމަށެވެ. އެގޮތުން ކޮންމެ އެސޯސިއޭޝަނަކަށް ދޭނީ 500،000 ޑޮލަރެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަކީ ފީފާގެ ޒިންމާއެއް ކަމަށާއި މިކަން ފެށެނީ މެމްބަރު އެސޯސިއޭޝަންތަކަށް ވަގުން ވަގުތަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ.
ލީގުތައް މެދުކެނޑުމުގެ ސަބަބުން ޓީވީ ރައިޓްސް އާމްދަނީ އާއި ސްޓޭޑިއަމްތަކުންނާއި ސްޓޯރުތަކުން ލިބޭ އާމްދަނީ ގެއްލިފައިވާތީ ބައެއް ކްލަބްތަކުން އަންނަނީ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މި ގެއްލުމުގެ ސަބަބުން ބައެއް ކްލަބްތައް ބަނގުރޫޓްވުމުގެ ބިރު އެބައޮތް ކަމަށް ވެސް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ފީފާ އިން ދޭ މި އެހީ އަކީ އެ ޖަމިއްޔާ އިން 2016 ވަނަ އަހަރު ތައާރަފްކުރި ފޯވާޑް 2.0 ޕްރޮގްރާމުގެ ފަންޑުން ނެގި ބަޔެކެވެ. އެގޮތުން 2019/2022 ގެ މުއްދަތުގައި ފީފާ އިން އެ ފަންޑުން ޖުމްލަ 1.746 ބިލިއަން ޑޮލަރު އެސޯސިއޭޝަންތަކަށް އެހީގެ ގޮތުގައި ދޭނެ އެވެ.
ފީފާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުޅިވަރު ޖަމިއްޔާ އެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުން ލިބޭ ބޮޑު ފައިދާއާ އެކު އެ ޖަމިއްޔާގައި ބޮޑު ރިޒާވެއް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ