މެމްބަރު ހަސަންޓޭގެ ފަރާތުން ދާއިރާއަށް ދީލަތި އެހީއެއް

ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، ހަސަން އަހުމަދު (ހަސަންޓޭ) ގެ ފަރާތުން ދާއިރާގެ ރަށްތަކަށް ދީލަތި އެހީއެއް ވެދެއްވައިފިއެވެ.
ކޮވިޑް-19 ގެ ނުރައްކަލާއި މުޅި ރާއްޖެއަށް ކުރިމަތިވެފައިވެފައި ވަނިކޮށް ރޯދަ މަހާއި ދިމާވެ ގިނަ ބަޔަކަށް ކާބޯތަކެއްޗަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި މެމްބަރު ހަސަންޓޭ ވަނީ އިނގުރައިދޫ ދާއިރާގެ ފަސް ރަށުގެ ރައްޔިތުންނަށް ފިޔާ ބެހުމަށްޓަކައި ކައުންސިލްތަކާއި އެކަތި ޙަވާލުކޮށްފައެވެ.
މެމްބަރު ހަސަންޓޭ ވަނީ، 25 ކިލޯގެ 140 ބަސްތާގެ ފިޔާ އިނގުރައިދޫ ދާއިރާގެ ފަސް ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައެވެ. މިކަމަށްޓަކައި އެ ދާއިރާތަކުގެ ރަށްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ އެހީތެރިކަން ފާހަގަކޮށް މެމްބަރަށް ޝުކުރު އަދާކުރަމުންނެވެ.
މިގޮތުން ހަދިޔާ ކޮށްފައިވާ ފިޔާ، މާދަމާގެ ވަގުތެއްގައި ރ. އަތޮޅު އިންނަމާދޫ އަށް ގެންގޮސް އެރަށުން އިނގުރައިދޫ ދާއިރާގެ އެހެން ރަށްތަކަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދުވަސްވަރާއި ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުންވެސް، އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައި ވެއެވެ. އެގޮތުން ދާދި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވެސް ވަނީ ދާއިރާގެ ކޮންމެ ގެޔަކަށް އަލުވި ބަސްތާއަކާއި ބިސްކޭހެއް ހަދިޔާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ