މިއަދު ލިބިގެން މި ދިޔައީ ވަރަށް ބޮޑު ފިލާވަޅެއް: ގާސިމް
ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން މިއަދު ވަކި ކުރެވިގެން ދިއުމުން ވަރަށް ބޮޑު ފިލާވަޅެއް ރައްޔިތުންނަށް ލިބިގެން ހިނގައްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ނާއިބު ރައީސް މަގާމުން ވަކިކުރި ޖަލްސާ އިން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ގާސިމް ވިދާޅުވީ ނައިބު ރައީސަކަށް އަންނަ ބޭފުޅެއްގެ "ހިތް މަތިވެ" ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދަހިވެތިވެފައިވާ މަންޒަރު ފެންނަމުންދާ ކަމަށާއި އެފަދަ ބޭފުޅުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ގާނޫނު އަސާސީ އިން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ކަމަށެވެ. "ނައިބު ރައީސަކަށް ހުންނަ މީހާ އަށް އޭނާގެ މަގާމަކީ ނުވަތަ ހައިސިއްޔަތަކީ ކޮބައިކަން ނޭނގިގެން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކާ ދޭތެރޭ ތަފާތުކޮށް ވިސްނޭ ވިސްނުން. އެކަން ރަނގަޅު ކޮށްލީމާ އެ އޮތީ ރަނގަޅަށް. ދެ ނައިބަކަށް މިހެން ރާއްޖޭގައި ދިމާވެއްޖެ. އެއީ ޑރ. ވަހީދާއި ޑރ. ޖަމީލު. ކުރިއަށް އޮތް ތަނުގައި ދެން ނައިބު ރައީސަކަށް އަންނަ ބޭފުޅަކު ވަރަށް ރަނގަޅަށް ވިސްނަވައި އެކަން އެޕުލައި ކުރަންވާނެ،" ގާސިމް ވިދާޅުވި އެވެ. ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް ފާސްވީ 78 މެމްބަރުންގެ ވޯޓުން ނެވެ. އެކަމާ ދެކޮޅަށް ދެ މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ އެއް ބޭފުޅެކެވެ. ޖަމީލަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ މެމްބަރު މަހުލޫފާއި މެމްބަރު އަލީ ހުސައިން ނެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާކަން އެންގުމުގެ ގޮތުން ޑރ. ޖަމީލަށް މަޖިލީހުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ނޯޓިސްއެއް ފޮނުވައިފަ އެވެ. މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ޓަކައި ޑރ. ޖަމީލް ރައްޔިތުންނަށް އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އެމަގާމާ ހަވާލުވި ހިސާބުން ފެށިގެން އަބަދު ވެސް ބަލަމުން ދިޔައީ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށާއި އެމަނިކުފާނާއި ގުޅުމެއް ބެއްވުމަކީ އެމީހަކަށް ނަފްސުގެ ނުރައްކަލެއްގެ ތެރެއިން ހުށައެޅުމަށް އެއާ އެކު ވެގެން ދިޔަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ