ސުޕްރީމް ކޯޓުގެ ނިންމުމުން ހައްލު ނުލިބުނު ކަމަށް މެންބަރު ނަޝީދު އިޝާރާތް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި ނިންމުން ބާތިލު ކުރުމަށް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމި، ނިންމުގެ ސަބަބުން ހައްލެއް ލިބިފައިވާ ނުވާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނަޝީދު ސިފަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ 'މާސްޓާޕީސް' އެކެވެ. ސަބަބެއްގެ ގޮތުގައި އޭނާގެ ބްލޮގްގައި ލިޔުއްވާފައި ވަނީ އެ ނިންމުން ދެ ފަރާތުން ވެސް އެ ބައެއް ބޭނުން ގޮތަކަށް ދަލީލް ދެއްކުމަށްފަހު މާނަ ކުރަމުންދާ ކަމަށެވެ. "...ޙަޤީޤަތަކީ ކޯޓެއްގެ ނިންމުމަކުން ނުކުންނަން ޖެހޭނީ ކޮންމެވެސް އެއް ނަތީޖާއެކެވެ. އެހެންޏާ ގޮނޑި ގެއްލިއްޖެކަމެވެ. ނުވަތަ ގޮނޑި ނުގެއްލޭކަމެވެ. މި ދެކަންތައް އެއްތަނެއްގައި، އެއްވަގުތެއްގައި، ޖަމާވެ ނޯންނާނެތީއެވެ،" ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ. މި މައްސަލަ އަނެއްކާވެސް، އިހުއޮތްތަނަށް ރުޖޫޢަވެ، ޙައްލުނުވާ މައްސަލައެއްގެ ގޮތުގައި ދިގުދެމިގެން ދިޔުމުގެ ފުރުޞަތު ބޮޑު މެމްބަރު ނަޝީދު ނަޝީދު ފާހަގަ ކުރެއްވި ނުކުތާތައް ތިރީގައި އެ ވަނީ އެވެ. ގޮނޑި ނުގެއްލޭކަމަށް ބެލެވިދާނެ ނުކުތާތައް • ސުޕްރީމް ކޯޓުގެ 13 ޖުލައިގެ ޙުކުމުގައި ކަނޑައަޅާފައިވާ އަޙްކާމުތައް ހިނގާނީ، 13 ޖުލައިގެ ފަހުން ހިނގާ ކަންތައްތަކުގެ މައްޗަށް ކަން • 13 ޖުލައިގެ ޙުކުމާއި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަޙްކާމުތައް 14 ޖުލާގައި އެ ހުކުމް އިތުރަށް ތަރުޖަމާކޮށްފައި ނެރުނު އަމުރުން އިތުރަށް ކަށަވަރުކޮށްދީފައިވާކަން • އެ ޤަޟިއްޔާއަކީ، އެ ޤަޟިއްޔާގެ ޙުކުމުގެ ތާރީޚުގައި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ މެންބަރުކަމާމެދު ގޮތެއް ކަނޑައަޅާ ޤަޟިއްޔާއެއް ނޫންކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގެ ފަހުން، މެންބަރުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް ހިނގާނެ އަޙްކާމުތަކެއް ކަނޑައަޅައިދޭ ޤަޟިއްޔާއެއްކަން • އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެ ޤަޟިއްޔާގެ ޙުކުމުގެ ތާރީޚާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ މެންބަރުކަމާމެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއްނެތްކަން • 13 ޖުލައިގެ ޙުކުމާއި 14 ޖުލައިގެ އަމުރުގައި، އެ ޙުކުމުގެ ތާރީޚުން ފެށިގެން އެ ޤަޟިއްޔާގެ އަޙްކާމުތައް ހިންގައި ތަންފީޒުކުރެވޭނެ އިޖުރާޢަތުތައް ބަޔާންކޮށްދީފައިވާކަން. ގޮނޑި ގެއްލިއްޖެކަމަށް ބެލިދާނެ ނުކުތާތައް • ގޮނޑިގެއްލިއްޖެކަމަށް އިޝާރާތްކުރާ ނުވަތަ ދަލީލުކުރާ އެއްވެސް ޖުމްލައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، އެ ނިންމުމުގެ ތެރެއިން ފާހަގައެއް ނުކުރެވުން • ހުށަހެޅި މައްސަލައިގައި ޙައްލަކަށް އެދިފައިވާ ކަންކަމަށް ޙައްލު ހޯދައިދީފައިނުވާތީ، އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބަލަން ބޭނުން ބަޔަކަށް އެކަން ކުރުމަށް އެ ނިންމުމުން، ފުރުޞަތު ލިބިދެއެވެ. • މެންބަރުންނާއި އީސީއާ ދެމެދު ޚިލާފުއުފެދުނީ، އީސީން ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުންނެވެ. އޭގެމައްޗަށް ބައި-އިލެކްޝަން ބާއްވަން އީސީން ނިންމުމުންނެވެ. އޭގެމައްޗަށް މަޖިލީހުގެ ރިޔާސަތުން، އެއީ މަޖިލީހުގެ މެންބަރުންކަމަށް ޤަބޫލުނުކުރުމުން • ސުޕްރީމް ކޯޓުގެ މި ނިންމުމުގައި، އީސީގެ އެ ނިންމުން ބާޠިލުކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އަދި، 4 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަކަށްވެސް ސާފުބަހުން ބަޔާންކޮށްފައެއް ނެތެވެ. މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުން ދެ ގޮތަށް ވެސް މާނަކުރެވޭނެ ކަމަށް ވިދާޅުވެ ބައެއް ނުކުތާތައް ފާހަގަކުރައްވާފަ އެވެ. "މިކަންކަން މިހެންހުރުމުން، ސުޕްރީމް ކޯޓުގެ 27 އޯގަސްޓުގެ ނިންމުމަށްފަހުވެސް، މި މައްސަލަ އަނެއްކާވެސް، އިހުއޮތްތަނަށް ރުޖޫޢަވެ، ޙައްލުނުވާ މައްސަލައެއްގެ ގޮތުގައި ދިގުދެމިގެން ދިޔުމުގެ ފުރުޞަތު ބޮޑެވެ،" ނަޝީދު ލިޔައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ