ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ މެންބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމި ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން ދީފި އެވެ.
އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް މަޖިލީހަށް އިންތިޚާބު ވެވެޑައިގެންނެވި ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް މިމަހުގެ 19 ވަނަ ދުވަހު ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން ނިންމި މައްސަލަ އޭނާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.
އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއިކުރައްވައި ލަތީފް އަށް ހޯމަ ދުވަހު ފޮނުވި މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ލިޔުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ކަމަށެވެ. އަދި ތިން ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންވާނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.
ލަތީފް ހުށަހެޅުއްވި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ނިންމުމެއް ކަމަށާއި އޭނާއަކީ ދިއްދޫ ދާއިރާގެ މެންބަރު ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ދެމިހުރެވޭނެ ކަމަށާއި އަދި ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ އެންމެހާ އިންތިޒާމްތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް ލަތީފް އެދިވަޑައިގަންނަވާފައިވެ އެވެ.
ލަތީފްއާއެކު ޖުމްލަ ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަަޅައި، ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ލަތީފްގެ މެންބަރުކަމުގެ ގޮނޑީގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ.
އެ ހުރިހާ މެންބަރުން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.
 ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގައި، އިލެކްޝަންސް ކޮމިޝަނުން ހަވާލާދީފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބްވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބްވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރކަމުން ވަކިވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެވެ.
ހަ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި މިވަނީ، ރަައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ގަރާރުގައި، އެ ހަތަރު ބޭފުޅުން ކުރައްވާފައިވާ ސޮއި ނެންގުވުމަށް ޕީޕީއެމް އިން އަންގައި، އެ ބޭފުޅުން އެންގެމަށް އަމަލުނުކުރެއްވުމުން، އެ ހަތަރު ބޭފުޅުން އެ ޕާޓީން ވަކިކޮށްފައިވާކަން އަންގާރަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރައްވާފައިވަނިކޮށެވެ.
ޢަބްދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރުކުރުމަށް ޕީޕީއެމްގެ މެންބަރުން ކުރެއްވި ސޮއި އަނބުރާ ނެގުމަށް އެޕާޓީގެ މުސްތަޝާރު ފެކްޝަނުން ސިޓީ ފޮނުއްވިއިރު، މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ. ސޮއިކުރެއްވި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި އަނެއް 10 މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވައިފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ