ސުޕްރީމް ކޯޓުގެ ޙުކުމް ވަރަށް ސާފު، ޙުކުމް އޮޅުވާނުލައްވާ!

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ (4) ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކާއި ސުޕްރީމް ކޯޓު ކަމަށެވެ. އެޤާނޫނުގެ (ށ) ގައި ބުނެފައި އޮންނަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް މާނަކުރުމުގައާއި ޝަރީޢަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
ތިމާ ގަބޫލު ކުރާ ގޮތާއި ޝަރީޢަތުން ނިންމާ ގޮތް އެއްގޮތް ނުވި ނަމަވެސް ޝަރީޢަތުން ނިންމާ ނިންމުމަކަށް ފާޑެއް ނުކިޔޭނެއެވެ. ސުޕްރީމް ކޯޓުން ވަނީ ތަކުރާރުކޮށް އެކަން ހަނދާން ކޮށްދީފައެވެ. ނަމަވެސް މިއީ ކޮންމެ ކަމެއްގެ ރަނގަޅު ގޮތަކީ އެމީހަކަށް ފެންނަ ގޮތް ކަމަށް ގަބޫލު ކުރެވިފައި އޮތް ޒަމާނެވެ. ޤާނޫނަކަށް ޤަވައިދަކަށް ބޯލެނބުމުގެ އާދައެއް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ކިބަޔަކު ނެތެވެ. އެކަމުގެ ހެއްކަކީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބެހޭ ގޮތުން މިކުރި ޙުކުމެއްގައި ލިޔެފައި އޮތް އެއްޗެއް ކޮޅުކޮޅަށް ދަމާ ތިމާ އަށް ނުވަތަ ތިމާ ތާއިދު ކުރާ ސިޔާސީ ފިކުރަށް ބުރަވެތިބެ ކޮންމެ މީހަކު ވެސް ހާމަކުރަމުން ގެންދިއުމެވެ.
ސުޕްރީމް ކޯޓުން ވެސް ވިދާޅުވެފައިވާ ގޮތައް އެކޯޓުގެ ޙުކުމް ވަރަށް ސާފެވެ. އެޙުކުމުގައި ބުނެފައި ވަނީ ތިން ހާލަތެއް ކުރިމަތިވެއްޖެ ނަމަ ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ އެވެ. މިތިން ހާލަތު ކުރިމަތިވާން ޖެހޭނީ ސުޕްރީމް ކޯޓުން ޙުކުމް ކުރި ވަގުތު ކަމަށްވާ 13 ޖުލައި 2017 ވަނަ ދުވަހުގެ 18:13 ގެ ފަހުންނެވެ.
މީގެ އިތުރަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ދެން ހިމަނާފައިވާ މުހިންމު އަނެއް ޕޮއިންޓަކީ "ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގައިފި ނަމަ އެ މެމްބަރަކު މަގާމުން ވަކިވީ އެވެ." މާނައަކީ އިލެކްޝަންސް ކޮމިޝަނުން އެފަދަ އެންގުމެއް ރައްޔިތުންގެ މަޖިލީހަށް ނާންގާހާ ހިނދަކު އެމެންބަރަކު ނިސްބަތްވަނީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ހިމެނި، އިއުލާން ކުރެވިފައިވާ ސިޔާސީ ޕާޓީއަށެވެ.
މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލު ކުރެއްވިކަން ރައްޔިތުންގެ މަޖިލީހުން އިއުލާން ކުރަނީ އެކަން އެސިޔާސީ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް އަންގާ އަދި އެކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. ޤާނޫނީ އިޖުރާޢަތަކީ މިއީއެވެ.
ދެން އޮތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ 10 މެންބަރުން ނުވަތަ 14 މެންބަރުންގެ މެންބަރުކަމާއި ސުޕްރީމް ކޯޓުން ނެރުނު ޙުކުމާއި އަދި އެކޯޓުން އޭގެ ފަހުން ނެރުނު އަމުރުގެ މައްޗަށް ބިނާކޮށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މިހުރިހާ މެންބަރުން ޕީޕީއެމް އިން ވަކިކޮށް ނުވަތަ ވަކިވިކަން އަންގާ ޕީޕީއެމް އަށް ފޮނުވި ސިޓީ އާއި އެކު އެވަނީ ޕާޓީ އިން ވަކިވެފައެވެ.
ނަމަވެސް އެހެން ވިދާޅުވާ ބޭފުޅުންގެ ވާހަކަ ގަބޫލު ނުކުރެވެނީ ޕާޓީ އަކުން ވަކިވާން މީހަކު ހުށަހަޅާ ހުށަހެޅުމެއް ޤާނޫނީ ގޮތުން ފުރިހަމަ ވާނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އެމީހެއްގެ ނަން އުނިވުމުން ކަމަށް ވާތީއެވެ. ސުޕްރީމް ކޯޓުގެ ޙުކުމުގައި އޮތީ ވެސް އެގޮތަށެވެ. ޕާޓީއެއްގެ ކޮމެޓީއަކުން ނުވަތަ ކައުންސިލުން ނިންމާ ނިންމުމެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރު ކަމުން ވަކިވާނެ ކަމަކަށް ސުޕްރީމް ކޯޓުގެ ޙުކުމަކު ނެތެވެ. ޙުކުމުގައި އޮތީ ޕާޓީއަކުން މެންބަރަކު ވަކި ވާނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އެންގުމުންނެވެ.
ސިޔާސީ ޕާޓީ އަކުން މެންބަރަކު ވަކިވެއްޖެ ކަން ނުވަތަ ވަކި ކޮށްފިކަން އެޕާޓީ އަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ ހިނދަކު މެންބަރަކު ޕާޓީ އިން ވަކިވުމަށް ޤާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމައެއް ނުވާނެއެވެ. އިސްވެ ދެންނެވި މެންބަރުން ޕާޓީ އިން ވަކިކުރިކަން ނުވަތަ ވަކިވެއްޖެ ކަން ޕާޓީ އިން އެއޮތީ އިލެކްޝަންސް ކޮމިޝަނަށް ނާންގައެވެ. އެހެންކަމުން އެމެންބަރުން ޤާނޫނީ ގޮތުން ޕާޓީ އިން ވަކިވެއްޖެ ކަމަށް ނިންމޭނެ ޤާނޫނީ އަސާސެއް ނެތެވެ.
ސުޕްރީމް ކޯޓުގެ ޙުކުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން މެންބަރަކު އެބޭފުޅަކު ނިސްބަތްވާ ޕާޓީ އިން ވަކިކޮށް ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވިކަން ރައްޔިތުންގެ މަޖިލީހަށް އެންގުމާއި އެކު އެއީ ސުޕްރީމް ކޯޓުގެ ޙުކުމުގެ ފަހުން ހިނގާފައިވާ ކަމަކަށް ވީއެވެ. އެހެންކަމުން އެހައި ހިސާބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަން ސުޕްރީމް ކޯޓުގެ ޙުކުމުގައި އޮތް ގޮތައް ގެއްލުނީއެވެ.
ސުޕްރީމް ކޯޓުގެ ޙުކުމް ވެސް އަދި އެކޯޓުން ފަހުން ނެރުނު އަމުރު ވެސް މިހައި ސާފެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ޙުކުމް ވެސް އަދި އަމުރު ވެސް އޮޅުވައި ނުލައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ