ކަރަންޓުގެ އަގުގެ ތަފާތު ކުޑަކުރަން މަސައްކަތް ކުރަން: މިނިސްޓަރު

ކަރަންޓުގެ ހިދުމަތަށް މާލެ އާއި ރަށްރަށުގައި ނަގާ އަގުގައި ހުރި ބޮޑު ފަރަގު ކުޑަކުރަން މަސައްކަތް ކުރާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މާލެ ހިމަނައިގެން ހަ ޓެރިފެއް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިނގިއްޔަކީ ވަކި ޓެރިފެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތައް ވެސް ވަކި ޓެރިފެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިރު އެއީ އުނދަގޫ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް މިދަނީ އިތުރަށް މަސައްކަތް ކުރަމުން، މާލެ އާއި އަތޮޅުތެރޭގެ [ކަރަންޓުގެ އަގުގެ] ފަރަގު ކުޑަކުރުމަށް. އެ ކަންތައްތައް ވެސް ވަރަށް ބާރަށް މި ކުރި އަށް ގެންދަނީ އިއާދަ ކުރަނިވި ހަކަތައާ އެހެން ވަސީލަތްތައް ވެސް ބޭނުންކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން އަދި ވެސް މަސައްކަތް ކުރަނީ ރައްޔިތުން ހަކަތައިގައި ކުރާ ހޭދަ ކުޑަކުރެވޭތޯ،"
މާލެއާ އަޅައި ބަލާފައި ރަށްރަށުގެ ކަރަންޓުގެ އަގު ބޮޑުވުމުން ސަރުކާރަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ