މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު، ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.
ޑރ.ޝައިނީގެ އިސްތިއުފާއަށް މެމްބަރު ތޯރިގު ގޮވާލެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ތޯރިގު ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
އެގޮތުން ސަރުކާރަށް ތިން އަހަރުވީ އިރު ބެޔަސް ނުބެޔަސް ސިޔާސަތު ކާމިޔާބުވެފައިނުވާ ކަމަށް ތޯރިގު ވިދާޅުވެފައިވެއެވެ. އަދި މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ ރެގިއުލޭޓަރީ ބޮޑީއެއް އެކުލަވާލުމަށް މަޖިލީހުގެ ޕީޕީއެމް މެންބަރުން އެދުނު އެދުން ކުރިއަށް ގެންގޮސްފައިނުވުމާއި، ބޮޑު ކަންނެލި ބޭރު ކުރާ ފަރާތްތަކާ މިނިސްޓަރު ޝައިނީއާއި ދެމެދު ޖާއިޒު ނޫން ގުޅުންތަކެއް އޮންނަ ކަމަށް ގިނަ އަދަދެއްގެ މަސްވެރިން ދެކޭ ކަމަށް ތޯރިގު ފާހަގަކުރައްވާފައިވެއެވެ.
އަދި މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާ ދަތިކަން ހައްލުކޮށް މަސްވެރިންގެ ހައްގުތަށް ހޯދައިދިނުމަށް މަސައްކަތް ނުކުރުމަކީ ވެސް މިނިސްޓަރު ޝައިނީ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ކަމަށް ތޯރިގު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފިޝަރީޒް މިނިސްޓްރީގެ ވޭތުވެ ދިޔަ އަަހަރުތަކުގެ އޮޑިޓު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް ރަނގަޅު ކުރަމުންދާކަން ނުފެންނަ ކަމަށާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތަށް ހައްލު ނުވެގެން ދިޔުމުގެ ޒިންމާ މިނިސްޓަރު ޝައިނީ ނަންގަވަންޖެހޭ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
އަދި މަގާމުގައި ހުރެގެން ވެސް މި ކަންކަމަށް ހައްލެއް އަންނާނެ ކަމަށް ނުފެންނާތީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ޑރ.ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ޝައިނީގެ އިސްތިއުފާއަށް ތޯރިގު ގޮވާލައްވާފައިވާއިރު މިއީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރަކު ވަޒީރެއްގެ އިސްތިއުފާއަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ.
މެމްބަރު ތޯރިގު ޝައިނީގެ އިސްތިއުފާއަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ