އިޒްރޭލުން ވައިޓް ފޮސްފަރެސް ބޭނުންކުރުމުގެ ސަބަބުން ފަލަސްތީނުގައި އައިބުވެފައިވާ ކުދިން އުފަންވަނީ

ޤާޒާގެ އަންހެނަކު ދާދި ފަހުން ވިހޭ އައިބުވެފައިވާ ކުއްޖެއް އިޒްރޭލުން ވައިޓް ފޮސްފަރެސް ބޭނުންކުރުމުގެ ސަބަބުން ފަލަސްތީނުގައި އައިބުވެފައިވާ ކުދިން އުފަންވުން ގިނަވަމުންދާކަމަށް ފަލަސްތީނުގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.ޤާޒާގެ އަންހެނަކު ދާދި ފަހުންވެސް ވަނީ އައިބުވެފައިވާ ކުއްޖެއް ވިހާފައެވެ. (ފޮޓޯގައި އެވަނީ ކުއްޖާގެ ފޮޓޯ) އެކުއްޖާގެ އަތް އާދައިގެ ކުދިންނަށްވުރެ ކުޑައެވެ. ނޭފަތާއި ފައިވެސް އައިބުވެފައިވާއިރު އެކުއްޖާގެ ބަރުދަނަކީ އެންމެ 4 ކިލޯ އެވެ. ނޭވާލުމުގައިވެސް މައްސަލަތަކެއް ވިހޭއިރުން ފެށިގެން ކުރިމަތިވަމުން އަންނަ މިކުއްޖާއަށް ފަލަސްތީނުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާރ ޔުނިޓްގައި ދަނީ ހާއްސަ ފަރުވާ ދެމުންނެވެ.ކުއްޖާ ބެލި ޑޮކްޓަރުން ހާމަކުރެއްވި ގޮތުގައި ‘ކުއްޖާއަށް ވަނީ ވައިޓް ފޮސްފަރެސްގެ އަސަރު’ ކޮށްފައެވެ. ޤާޒާގައި ދާދިފަހުން ކުރިއަށްދިޔަ ޤަތުލްޢާންމުގައި އިޒްރޭލުންވަނީ އާންމުން އުޅޭ ސަރަހައްދުތަކަށްވެސް ވައިޓްފޮސްފަރެސް އަޅާފައެވެ. މިކަން ބައިނަލް އަޤްވާމީ ޖަމާއަތްތަކުން ބުނަމުންދާއިރު އިޒްރޭލުންވެސް ވަނީ ‘ފާޑަކަށް’ އެކަމަށް އެއްބަސްވެފައެވެ.ފަލަސްތީނުގެ ހޮސްޕިޓަލްތަކުން ހާމަކުރައްވާގޮތުގައި އިޒްރޭލުން ވައިޓް ފޮސްފަރެސް ބޭނުންކުރިފަހުން ފަލަސްތީނުގައި ‘އައިބު’ވެފައިވާ ކުދިން ވިހެއުންވަނީ ގިނަވެފައެވެ. ދާދިފަހުން ސައިންޓިސްޓުންތަކެއްވެސް ވަނީ އިޒްރޭލުގައި އެމުޑުދާރު އަމަލުގެ ސަބަބުން ފަލަސްތީނުގައި ‘ނުކުޅެދޭ’ ކުދިން ވިހެއުން އިތުރުވެގެންދާނެކަމުގެ އިންޒާރުދީފައެވެ. އަދި ކެމިކަލް ހަތިޔާރުގެ ސަބަބުން ފަލަސްތީނުގެ ޤާޒާ ދިގުމުއްދަތަކަށް އެކަން ތަހައްމަލު ކުރަންޖެހިދާނެކަންވެސް ވަނީ ބައެއް ފަރާތްތަކުން ހާމަކޮށްފައެވެ.އިޒްރޭލުން ބޭނުންކުރި މި މަނާ ހަތިޔާރަކީ ‘ހީރޯ ޝީމާ’ އަށް އެމެރިކާއިން ބޮޑުހަނގުރާމައިގައި އެޅި ބޮންފަދަ ބޮން ތަކެކެވެ. އެބޮންތަކުގެ ސަބަބުން އެސަރަހައްދުގެ މީހުންވަނީ ދިގު ޒަމާންތަކެއް ވަންދެން އެކަން ތަހައްމަލު ކުރަންޖެހިފައެވެ. އެގޮތުން ‘އައިބު’ވެފައިވާ ކުދިން ލިބުންވަނީ އިންތިހާއަށް ގިނަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ