‘އަފްގާނިސްތާނު ހަނގުރާމަ ވިއެޓްނާމް ހަނގުރާމައަށް ބަދަލުވަނީ.’ – އެމެރިކަން އާރމީ

ލިޔުނީ: އަލީ އަހްސަން އިހްސާން‘އެމެރިކާ އިން އަފްގާނިސްތާނުގައި ކުރަމުން މިދާ ތާކުންތާކުން ނުޖެހޭ ހަނގުރާމަ ނުހުއްޓުވައިފިނަމަ މިހަނގުރާމަ ދެވަނަ ވިއެޓްނާމް ހަނގުރާމައަކަށް ބަދަލުވެގެންދާނެ.’ކަމަށް އެމެރިކާގެ ފައުޖުގެ ބައިވެރިއެއްކަމުގައިވާ އަދި މިހާރު އަފްގާނިސްތާނުން ރަހީނުކޮށްފައިވާ ޕްރައިވެޓް ބޯވް ރޮބާރޓް ބާރގްދާލް ބުނެފިއެވެ.ވިއެޓްނާމް ހަނގުރާމައަކީ 1964 އިން 1975 އަށް އެމެރިކާގެ އެހީއާއިއެކު ވިއެޓްނާމްގެ ސަރުކާރާއި ވިއެޓްނާމްގެ ގެރިއްލާ ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރި ހަނގުރާމައެކެވެ. މިހަނގުރާމާގައި 2 މިލިއަން ވިއެޓްނާމް ރައްޔިތުންވަނީ މަރުވެފައެވެ. އަދި ގާތްގަޑަކަށް 58000 އެމެރިކާ ސިފައިންވަނީ ހަނގުރާމަ ތެރޭގައި މަރުވެފައެވެ. ހަނގުރާމަ ދިގުލައިގެން ދިއުމާއި އެމެރިކާގެ މަރުވަމުންދާ އެމެރިކާ ސިފައިންގެ އަދަދު ގިނެވެގެން ދިއުމުގެ ސަބަބުން އެމެރިކާ ރައްޔިތުންވަނީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާއިން ބައިވެރިވުމާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. މަޖިލިސްތެރެގައާއި މަގުމަތީގައި މިހަނގުރާމައަށް ނުރުހުންފާޅުކޮށް ހަދަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ހަނގުރާމައާއި ފެއަށްޖެހެން މަޖުބޫރުވިއެވެ.އމެރިކާގެ ސިފައިންގެ މީހާ ވިއެޓްނާމް ހަނގުރާމައަކަށް އަފްގާނިސްތާން ހަނގުރާމަ ބަދަލުވެދާނެކަމަށް ބުނެފައިވަނީ ތާލިބާނުން ނެރެފައިވާ މިވީޑީއޯއެއްގެ ޒަރީއާއިންނެވެ. ތާލިބާނުން އޭނާ ރަހީނުކޮށް ރަނގަޅަށް ހިތާކަމަށް ބުނާ މިސިފައިންގެ މީހާވަނީ ‘އެމެރިކާގެ މިހަނގުރާމައަށް ވަރަށް ބޮޑަށް ފާޑުކިޔާ ހަނގުރާމަ ހުއްޓާލުމަށް’ ގޮވާލާފައެވެ. ޑިސެމްބާރ 25 ގައި އެމެރިކާގެ ސިފައިންގެ މީހާ ތާލިބާނުން ނެރެފައިވާ ވީޑިއޯގައި އިތުރަށް ބުނެފައިވާ ގޮތުގައި ، ‘8 އަހަރުވެފައިވާ އަފްގާނިސްތާނުގެ ހަނގުރާމަ ކޮންޓްރޯލުން ނެއްޓިފައިވާކަމަށާއި އެމެރިކާއިން ހަނގުރާމަ ކުރަމުން ތިދަނީ ގެރިއްލާ ހަނގުރާމަ ކުރާ ކުޑަ ބައިގަނޑަކާއެއް ނޫނެވެ. ހަނގުރާމަ ކުރަމުން ތިދަނީ ފުރިހަމަ އަށް އޯގަނައިޒް ވެގެން ހަރަކާތްތެރިވާ ގެރިއްލާ ލަޝްކަރަކާ’ ކަމަށް ބުނެފައެވެ.އެމެރިކާއިން އަފްގާނިސްތާނުގައި ކުރާ ހަނގުރާމާގައި އެމެރިކާގެ ސިފައިންގެ ފަރާތުން ފަހަކަށް އައިސް ދެކޮޅުހެދުންތަށް ފެންނަމުންދެއެވެ. އަދި އަފްގާނިސްތާނުގެ ހަނގުރާމަ ހުއްޓާލާ ގައުމަށް ދިއުމަށް ބޭނުންވާކަމުގެ އަޑު ގަދަވަމުންދެއެވެ. މީގެ ހެއްކެއްގެ ގޮތުގައި އެމެރިކާއިން އަފްގާނިސްތާނުގައި ބަނޑަހަގެ ޖަހައިގެން ތިބި ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ ނިސްބަތް މިއަހަރުވަނީ ހައިރާންކުރުވާހާ މައްޗަށް ގޮސްފައެވެ. ސިފައިންގެ ޖަގަހަތަކުގައި އަމިއްލަބޮލަށް ބަޑިޖަހައިގެންނާއި ޒަހަރުކައިގެންނާއި ދަންޖެހުމާއި އުސްތަންތަނުން ފުންމާލައިގެން މަރުވާ މީހުންގެ ނިސްބަތް ގިނަވެފައިވާކަމަށް ޚުދު އެމެރިކާއިންވެސް ވަނީ އެއްބަސްވެފައެވެ.ހުރިހާ ދިމާއަކުންވެސް ‘ހަނގުރާމަ ހުއްޓާލުމަށް’ އިޝާރާތްކުރަމުންދާއިރު އެމެރިކާގެ ރައީސް އޮބާމާގެ ހަނގުރާމާ ހުއްޓާލުމާއި ގުޅޭ ވައުދަށްފަހުވެސްވަނީ އިތުރު އެތައް ހާސް ސިފައިން އަފްގާނިސްތާނަށް ފޮނުވާފައެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އެތެރޭގައި އޮބާމާއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 8 އަހަރަށް ހަނގުރާމަ ދިގުލައިގެން ގޮސްފައިވާއިރު ހަނގުރާމާގައި މަރުވާ ސިފައިންގެ އަދަދު ދަތީ މިދިޔަ އަހަރާއި އަޅާބަލާއިރު މަތިވެފައެވެ. އުސާމާ ހައްޔަރުކުރުމަށް ފެށިހަނގުރާމައިގައި އުސާމާގެ ހޯދުމުގައި ނާކާމިޔާބުވެފައިވާއިރު ތާލިބާނުންގެ ހަމަލާތައް ދަނީ ދުވަހެއް ދުވަހަށް ވަރުގަދަވަމުންނެވެ. އަދި އެމެރިކާގެ ‘ބްލެކްވޯޓާރ’ ސިއްރު ސިފައިން އަފްގާނިސްތާނުގެ އާންމުން އުޅޭ ތަންތަނުގައި ބޮން ގޮއްވާކަން ފަޅާ އެރުމުގެ ސަބަބުން އެމެރިކާއަށް ދުނިޔޭގެ ފާޑުކިޔުންދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން އަފްގާނިސްތާނުގެ ރައްޔިތުންގެ ތެރޭގައި ހަމަލާތަކުގައި ތާލިބާނުންނަށް ވެގެން އެމެރިކާ ސިފައިން އުޅޭކަން އެތައް ފަހަރު ފަޅާއެރުމުން އެކަމާއި ޖަވާބުދާރީވާން އެމެރިކާއަށް ވަނީ ނުކުޅެދިފައެވެ.ކޮންމެގޮތަކަށް ހަގީގަތް އޮތްކަމުގައިވިޔަސް އެމެރިކާއިން އަފްގާނިސްތާނުން ފައިބާ ހަށިފޮޅާލަފާނެކަމަށް ބެލެވޭކަށްނެތެވެ. އެހެނީ ދުނިޔޭގައި އެންމެ ގަދައަށް ޑްރަގްގެ ދަނޑުބިންތައްވާ ގައުމު ދޫކޮށް އެމެރިކާއިން ފައިބާނެ ހެއްޔެވެ؟ 8 އަހަރުގެ ދިގު ހަނގުރާމައަށްފަހު އުސާމާއި ނުލައި ހަނގުރާމަ ހުއްޓާލަފާނެ ހެއްޔެވެ؟ އަފްގާނިސްތާނުގައި ގޮނޑިކޮއްކޮ ސަރުކާރެއް ގައުމުކޮށް އެސަރުކާރަށް އެކީގައި އަފްގާނިސްތާން ހަވާލުކޮށްފާނެ ހެއްޔެވެ؟ ރަޝިޔާ އާއި އެމެރިކާގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އަފްގާނިސްތާނުގެ ފޯސް ބާލާ ރަޝިޔާއާއި ދުރަށް ފައުޖުތައް ގެންގޮސްފާނެ ހެއްޔެވެ؟ ރަޝިޔާއަށް އަފްގާނިސްތާން ހިސާރުނުކުރެވި ފައިބައިގެން ދިޔަގޮތަށް އެމެރިކާއިން ‘ބަލި ގަބޫލު’ ކުރާނެ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ