ރައީސް ނަޝީދުގެ ޝަރުތު ފުރިހަމައެއް ނޫން، ސާފު ކެންޑިޑޭޓެއް ހުށަހަޅާ: ގާސިމް

އެމްޑީޕީން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫން ކަމަށާއި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ހުށަހެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ގާސިމް އެހެން ގޮވާލައްވާފައިވަނީ ރޭ ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް ވިދާޅުވެފައިވަނީ މިއަދުގެ ހާލަތުން އެއްވެސް ރިސްކެއް އޮތް ޕެއައެއް(ކެންޑިޑޭޓާއި ރަނިން މޭޓު) ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޖުމްހޫރީ ޕާޓީއަށް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ޖޭޕީއާއި ގާސިމް ވެސް ހުންނެވީ ސާފު ޕެއައެއް ނުވަތަ ޕެއަތަކާ ގުޅޭގޮތުން އެކުގައި މަޝްވަރާކޮށް ކުރިއަށްދާން ތައްޔާރަށް ކަމަށާއި މަޝްވަރާތަކަށް އެމްޑީޕީން ވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއް ވެސް ނެތް، އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްކަން ވެސް ނެތް ނަމެއް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ސާފު ޕެއަރއެއް ނިންމުމުގެ މަޝްވަރާއާއިއެކު ގުޅިގެން، ސަރުކާރާއި މަޖިލިސް ހިއްސާ ކުރާނެ ގޮތެއް ވެސް ނިންމަން އެދިވަޑައިގަންނަވާ ކަމަށާއި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކާއެކު ވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ އެކުވެސް މަޝްވަރާކޮށްގެން ޙައްލު ހޯދަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
"ރިސްކު އޮތް ނަންތަކެއް ހުށަހަޅަން އަޅުގަނޑުމެން އެންމެނަށް ގަބޫލު ކުރެވޭނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް މައުމޫން، ނާއިބު ރައީސް ކަމަށް ރައީސް ނަޝީދު، މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހީމް، މަޖިލީހުގެ ނައިބު ރައީސްކަމަށް އިބްރާހީމް މުހަންމަދު ސާލިހު، ހޯމް މިނިސްޓަރަކަށް ޝެއިޚު އިމްރާން، ޑިފެންސް މިނިސްޓަރަކަށް ކާނަލް ނާޒިމްގެ ނަން ނިންމައި ކުރިއަށްދާންވީ ނޫންތޯ،" ގާސިމް ވިދާޅުވެފައިވެއެވެ.
އެ ބޭފުޅުންނަށް ތައީދު ލިބޭނެ ކަމަށާއި ނަމަވެސް ހަގީގަތް ގަބޫލު ކުރަން ކިތަންމެ ދަތި ނަމަވެސް މިއަދު އެކަން ކުރެވެން ނެތް ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކެންޑިޑޭޓަކު ހުށަހެޅުމުން ވެސް ގޯނާ ކުރާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
މިއަދާ ހަމައަށް އައިއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އެމްޑީޕީ ނޫން ބަޔަކަށް ހައްގު ކަމަށް އެމްޑީޕީއަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ދައްކަން ހުށަހަޅާ ވާހަކަވެސް ގަބޫލު ކުރާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
"އެމްޑީޕީ ނޫންބަޔަކަށް ކެންޑިޑޭޓްކަން ދޭން އެމްޑީޕީން އެއްވެސް ދުލެއް ނުދޭކަމަށް ވަނީނަމަ އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނުވަތަ އެކަހަލަ ދެ ޕެއަރ ދެޕާޓީއެއްގެ ނަމުގައި އިންތިހާބަށް ކުރިމަތިލައި ފަހުން ހުރިހާކަމެއް ކްލިއަ ވީމާ އެތަނުން ޕެއަރއަކަށް އެއްބަސްވާ ގޮތަށް މިއަދު އެއްބަސް ނުވެވޭނަމަ އިތުރަށް ދައްކަން އޮތީ ކޮންވާހަކައެއްތޯއެވެ؟،" ގާސިމް ސުވާލު ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ