ސިޔާދަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަނީ

ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ މެންދުރުފަހު 1:00 ޖަހާއިރު އެވެ.
މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ބާއްވާ ދައުލަތުން ދައުވާ އިއްވުމުން ސިޔާދު އެ ދުވަހު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
ސިޔާދުގެ ގާނޫނީ ވަކީލް ހިސާން ހުސައިން މީގެކުރިން ވިދާޅުވީ ދައުލަތުން ސިޔާދުއާ ދެކޮޅަށް ހެކީގެ ގޮތުގައި ސިއްރު ދެ ލިޔުމެއް ހުށަހެޅި ކަމަށާއި ނަމަވެސް އެތަނުން އެއް ލިޔުމެއްގެ މައުލޫމާތު ހާމަކުރަން ދައުލަތުން ދެކޮޅު ހަދާފައިވާ ކަަމަށެވެ. ދައުލަތުން އެގޮތަށް އަމަލުކުރުމުން ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ސިއްރު ލިޔުމަކީ ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ނޫން ކަމަށާއި އެއީ ދައުލަތުން ހޯދަން އުޅެ އަދި މިހާތަނަށް ލިބިފައި ނެތް ލިޔުމެއް ކަން ހާމަވާ ކަމަށްވެސް ހިސާން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.
އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ