ސިޔާސީ ޕާޓީގެ ބިލް ގާނޫނަކަށްވުމާއިއެކު 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރިން ނިންމުން ބާތިލްކުރަން ދައުލަތުގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބު ސުޕްރީމް ކޯޓްގައި ޗެލެންޖު ކުރައްވާ ހުށަހެޅި ނުކުތާތަކުގައި ބުނަނީ ސިޔާސީ ޕާޓީގެ ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ، މަދުވެގެން 10000 މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އެފަދަ ހައްގެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނު އަސާސީ އާއި ތައާރަޒުނުވާ ގޮތެއްގެ މަތިން މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢެއްގައި އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް، ތަސްދީގުކޮށް ގެޒްޓްކުރުން ލާޒިމުވާ ގޮތަށް ފޮނުވި ބިލްގެ މައްސަލަ ދައުލަތުގެ ފަރާތުން އިއްޔެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އަދި ކޯޓުން ބަލައިގަތް ކަމެއް ނާންގަ އެވެ.
ސިޔާސި ޕާޓީތަކުގެ ބިލް ބުނާ ގޮތުން 10،000 މެންބަރުން ހަމަނުވާ ކޮންމެ ޕާޓީއެއް ބިލް ގެޒެޓް ކުރުމާ އެކު އުވިގެން ދާނެ އެވެ.
އެމައްސަލައިގައި ބުނަނީ ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން މިހާރު ރަޖިސްޓަރީކޮށް ހިނގަމުން އަންނަ ޕާޓީތަކުގެ ތެރެއިން 10,000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ވާނެ ގޮތެއް، އަދި އެ ޕާޓީތަކާބެހޭ ގޮތުން ކަންކުރާނޭ ގޮތެއްގެ އިޖުރާޢީ އުސޫލެއް ބަޔާންކޮށްފައި ނެއް ކަމަށެވެ.
"މި ބިލު ތަސްދީގުކޮށް ގާނޫނަކަށްވާ ހިސާބުން ފެށިގެން މިހާރު ޢަމަލުކުރަމުން ގެންދާ ސިޔާސީ ޕާޓީގެ ގަވާއިދު އުވިގެންދާނެތީ އާއި، މިކަމުގެ ސަބަބުން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތައް ވެސް އުވިގެންދާނޭތީ، ބިލުގެ 8 ވަނަ މާއްދާގެ (ށ) އިން ރަޖިސްޓަރީ ނުވާ ހުރިހާ ސިޔާސީ ޕާޓީއެއް ބިލު ޤާނޫނަކަށްވާ ހިނދުން ފެށިގެން އުވިގެންދާނެކަން. މިގޮތުން ފެންނަން ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު، 11 ސިޔާސީ ޕާޓީ އުވިގެންދާނެ އެވެ،" މައްސަލައިގައި ބުނެފައިވެ އެވެ.
އަދި އެމައްސަލައިގައި ވަނީ މި ބިލު ތަޞްދީޤު ކުރެވިއްޖެނަމަ، ތަސްދީޤު ކުރެވޭ ހިސާބުން ފެށިގެން އުވިގެންދާ ޕާޓީތައް އުވިގެންދަނީ، އެ ޕާޓީތަކުގެ އެއްވެސް އިހުމާލެއް ނެތި، އަދި ޤާނޫނީ އޮނިގަނޑަށް ފެއްތުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުޞަތެއް އެ ޕާޓީތަކަށް ދިނުމެއް ނެތިކަމަށް ދައުލަތް ދެކޭ ކަމަށެވެ.
ބިލްގައި ބުނާ އަދަދަށް މެންބަރުން ހަމަވަނީ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ، ޕީޕީއެމް އެވެ.
ކުދި ޕާޓީތައް އުވާލަން ނިންމި ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ