ރާއްޖޭގެ ވެށިންވެސް މިނިވަންކަންމަށް ބުރޫ އަރާފަދަ ކަންކަން ކުރިމަތިވެދާނެ: ރައީސް މައުމޫން

ބޭރުގެ ހަތިޔާރު އެޅި ލަޝްކަރަކުން ނުވަތަ ޖަމާއަތަކުން ދޭ ހަމަލާއެއްގެ ސަބަބުން ކަމަށް ނުވިޔަސް ރާއްޖޭގެ ވެށިންވެސް މިނިވަންކަމަށް ބުރޫއަރާ ފަދަ ކިތަންމެ ކަމެއް ކުރިމަތިވެދާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ބޭނުން ނަމަ ދިވެހިން ތިބެންޖެހޭނީ އެފަދަ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެން ކަމަށެވެ. އެފަދަ ކަމެއް ރާއްޖެއަށް މެދުވެރިޔަ ނުދިނުމަށް ދިވެހިން ތިބެން ޖެހޭނީ ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ކަމަށް ވެސް ހިތާބުގައި ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ. "މިފަދަ ހާދިސާއެއް ހިނގައި [ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގިވި ހާދިސާ] ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބަޔަކު މަސައްކަތް ފަށާއިފައިވާ ކަމުގެ އަލާމާތްތައް ވަނީ ފެނިފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ ވެރިރަށް މާލޭގެ ގެއަކުންނާއި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ދިވެހިންގެ ބަޔަކަށް ދޫކޮށްފައިވާ ފަޅުރަށެއްގެ ފަޅުތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނުން ހިމެނެ އެވެ." ރައީސް މައުމޫން ވިދާޅުވި އެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ޝާމިލުވި ހުރިހާ ފަރާތްތަކެއް ޝަރުއީ ނިޒާމުގެ ކުރިމައްޗަށް ގެނެސް އެކަމުގައި ބައިވެރިވި ހުރިހާ އެންމެނަށް ހައްގު އަދަބު ދިނުމަށް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ހިތާބުގައި ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއިންނާއި މީގެ 27 އަހަރު ކުރިން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާ އިން އިބުރަތް ލިބިގަނެ އެހެން ހުރިހާ ކަމަކަށްވުރެއް ބޮޑަށް "އެންމެ ފުރަތަމަ ގައުމު" އިސްކޮށް އިސްލާމްދީނާއި ދިވެހި ގައުމުގެ ސިޔާދަތަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ. "މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވާ މުޖުތަމައުގެ ހަމަޖެހުމާއި އިޖުތިމާއީ އަދާލަތު ރަނގަޅު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޕީޕީއެމްގެ އެންމެހާ މެމްބަރުންގެ ނަމުގައި އެމަނިކުފާނަށް އިހުލާސްތެރިކަމާއި އެކީ އަޅުގަނޑު [ރައީސް މައުމޫން] ޝުކުރު ދަންނަވަމެވެ." ރައީސް މައުމޫންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ