ސަރުކާރު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑުމެންވީ އެއް ލަވައެއް ކިޔަން: ގާސިމް

ސަރުކާރުން އަމަލް ކުރާގޮތުން ގާނޫނު އަސާސީއެއް ރާއްޖޭގައި ހިނގާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ސަރުކާރު ހަމަމަގަށް އެޅުވުމަށް ލަހެއް ފަހެއް ނެތި "އަޅުގަނޑުމެންވީ އެއް ލަވައެއް ކިޔަން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ހަތް ޕާޓީގެ އިއްތިހާދުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ އިހުތިޖާޖުގެ ތެރެއިން ގައުމީ ދުވަސް ފާހަގަ ކުރުމަށް މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުން އަމަލް ކުރަމުންދާ ކަންތައްތަކުން "އަމިއްލަ މިނިވަންކަން މިއޮއްގެއް ގެއްލިގެން ދަނީ ގާދޫކޮލުން ނުކުމެގެން" ކަމަށެވެ.
ގައުމު ސަލާމަތް ކުރުމަށް ސިޔާސީ ފިކުރާއި ގައުމީ ފިކުރު ހުރި އެންމެން އެކަތިކަޑަކަށްވެ، އެއްބާރުލައިގެން، އެއްވެސް ދެކޮޅުވެރިމެއް ނެތި، ގައުމާ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަސް ގެންދަންޖެހިފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ބޭނުން ވަނީ އިހަށް ދުވަހު ދުއް ކަހަލަ މުހައްމަދު ތަކުރުފާނެއް. އަދި އެއަށްވުރެ ވެސް ގަދަ ހިއްވަރާއެކީގައި. އެދުވަހު އޮތް ނުފޫޒާއި ބާރުވެރިކަން މިއަދު މިއޮތީ ވަރަށް ދަށު ދަރަޖައިގަ"
ސްޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރާ ހިލާފަށް ރާއްޖޭގެ ފަނޑިޔާރަކު ރައީސް ނަޝީދު ހައްޔަރުކޮށްގެން ހުންނެވިއިރު އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ކުރިފުޅު މަތީގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ގާސިމް ވިދާޅުވީ "އެމަނިކުފާނު ދެއްކެވި މަގަކުން ހިނގާނަމޭ. އެމަނިކުފާނު ކުރައްވާ ހުކުމްތަކަށް ތަބާވާނެމޭ. ހުރިހައި އެއްބާރުލުމެއް ދޭނަމޭ"ކަމަށެވެ.
"ހައިރާނެއް ފަހެ ނުވާނެތޯ. ކީކޭތޯ މި ބުނަނީ. އަޅުގަނޑުމެން މިތިބީ ބީތާބެފާތޯ. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެން މިތިބީ ބީތާވެފައެއް ނޫން. ހަމަހޭގަތޯ މިތިބީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ހަމަހޭގައި،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ވާހަކަފުޅުތަކާ ގުޅިގެން ގާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހޭ ކަންތައްތައް "ލަސްކުރާކަށް ފަސްކުރާކަށް [ވަގުތެއް] ނެތް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގުޅިގެން އަތާއަތް ގުޅާލާނެ ކަމަށެވެ.
"އަޅުގަނޑުމެންވީ އެއް ލަވައެއް ކިޔަން އެކައްޗެކޭ ކިޔަންއޮތީ. ދެންފަހެއް ނެތޭ އިނގޭތޯ. ފަސްކުރެވޭކަން މިގައުމެއް ނެތޭ،" ސަރުކާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފަސް ކުރެވޭކަން ނެތް ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ކ. ގިރިފުއްޓަށް ގެންދިޔަ މައްސަލާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ އަދާލަތު ގާއިމް ކުރަން ހުރި ފަނޑިޔާރަކު އުފުރާލައިގެން ގެންދިއުމުން ގާނޫނު އަސާސީއެއް ގާނޫނެއް ހިނގާކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.
ކުށެއް ކުރި މީހަކު ހައްޔަރު ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ނަމަވެސް ކުށެއްގެ ތުހުމަތުގައި ގާނޫނީ އިމުގެ ބޭރުން މީހުން ހައްޔަރުމުން މާދަމާ ވާނެ ގޮތާމެދު ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ފަނޑިޔާރުން ބިރު ގެންނެވުމަށް ކުރަމުންދާ މަސައްކަތުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުން ބޭނުންވާ ގޮތަށް ޝަރުއީ ދާއިރާ ބައްޓަންކޮށް ފަނޑިޔާރުންނަށް ބިރުދައްކައި ބޭނުންވާ ކަންތައްތައް ހާސިލް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ