“ރައީސް ނަޝީދާއި ޒުހައިރަށް ވުރެ ޝައިޚް އާދަމް ޝަމީމާއި ޝައިޚް ޝަހީމާއި ޝައިޚް ޢިމްރާން މިޤައުމާއި ރައްޔިތުން ދެކެ ލޯބިވާކަން ރައްޔިތުންނަށް ސާބިތުކޮށްދޭނަން”

ކ-ވ : ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޝައިޚް އާދަމް ޝަމީމް އަދި ޝައިޚް އިމްރާން ޢަބްދުﷲ - ފޮޓޯ : ދިއިސްލާމްރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރަށް ވުރެ، ޝައިޚް އާދަމް ޝަމީމާއި، ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޝައިޚް ޢިމްރާން ޢަބްދުﷲ މިޤައުމާއި ރައްޔިތުން ދެކެ ލޯބިވާކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާބިތުކޮށްދޭނެ ކަމުގައި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.ވީޓީވީ އިން ރޭ ފޮނުވި “ފަސްމަންޒަރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢިމްރާން ވިދާޅުވީ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އަރިސްބޭފުޅުން ސިފަކުރައްވާފަދައިން ދީނީ ޢިލްމުވެރިންނަކީ ޓެރަރިސްޓުން ނޫންކަން އެބޭފުޅުންގެ ހަރަކާތްތަކުން ދައްކަދޭނެ ކަމަށެވެ.“ޙައްޤުނޫން ގޮތެއްގައި އިންސާނެއްގެ އިސްތައްޓެއްގައި ވެސް ޖެހޭކަށް ނެތިން” ޝައިޚް އިމްރާން ވިދާޅުވި އެވެ.ޝައިޚް އިމްރާން ވިދާޅުވީ ޝައިޚް ދެއްވާފައިވާ ދަރުސްތަކުގެ ރެކޯޑިންގތައް ހޯދައިގެން ބެލުމަށާއި، އޭގެއިން އެއްވެސް ދަރުސެއްގައި އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފަށް އެއްވެސް ގޮވާލުމެއް ގޮވާލާފައި ނުވާނެ ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ އިސްމަޤާމް ތަކުގައި މިހާރުވެސް 3 ނޮވެމްބަރު 1988 ގައި ލޭއޮހޮރުވައި ދިވެހިން ޝަހީދުކުރުމުގެ ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން އެބަތިބި ކަމަށެވެ.ޝައިޚް އިމްރާން އަދި ވިދާޅުވީ އެމްޑީޕީގެ ވެރިންގެ އިތުރުން، ޚުދު ރައީސް ނަޝީދުގެ ތަޤްރީރުތަކުގައި ވެސް ލޭ އޮހޮރުވުމާއި، ހަމަނުޖެހުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފައިވާ ކަމަށެވެ. ޝައިޚް އިމްރާން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ވެސް އެމީހުންގެ ސަގާފަތަކީ މުޒާހަރާކޮށްގެން ވެރިކަން ވައްޓާލުން ކަމަށާއި ހަމަނުޖެހުން އުފައްދައި ތަންތަނަށް ގެއްލުން ދިނުން ކަމަށެވެ. ނަމަވެސް، ޑިސެމްބަރ 23 ގައި އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާ އަކީ ވެރިކަން ވައްޓާލުމަށް ކުރާ މުޒާހަރާ އެއް ނޫން ކަމަށާއި، މި މުޒާހަރާއަކީ ސުލްހަވެރިކަމާއެކު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ކުޑަވެސް ޖާގައެއް ނުދީ ރާވާ މުޒާހަރާއެއް ކަމަށެވެ.އެގޮތުން މީގެ ކުރިން ޢަދާލަތާއި މަދަނީ އިއްތިހާދުން އިސްނަގައިގެން ބަނގުރަލާ ދެކޮޅަށް ކުރި މުޒާހަރާ އާއި އިޒްރޭލުގެ ޒަޔަނިސްޓުންނާ ދެކޮޅަށް ބޭއްވުނު ބޮޑު މުޒާހަރާތަކުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ސުލްހަވެރިކަމާއި އަމާންކަމާއެކު ކާމިޔާބުވެފައިވާ ކަން ޝައިޚް އިމްރާން ފާހަގަ ކުރެއްވި އެވެ.ޝައިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގެ ޙައްޤުގައި ކުރާ ބޮޑު މުޒާހަރާގެ ފަހަތުގައި ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ވަރަށް ގިނަ ދީނީ ޢިލްމުވެރިން އެބަތިއްބެވިއެވެ. އަދި މުޒާހަރާގެ ކަންތައްތައް ކުރިއަށް ދާނީ އެ ޢިލްމުވެރިންގެ ލަފައާ އެއްގޮތަށް ކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވި އެވެ.ޝައިޚް އިމްރާން ވިދާޅުވީ ދީނީ ޢިލްމުވެރިން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކުރުމަށް ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އަރިސްބޭފުޅުން މަސައްކަތް ކުރައްވަނީ ރައީސާ އިނގިރޭސީންނާ ދެމެދު ވެފައިވާ ވަޢުދުގެ ދަށުން ކަމަށެވެ. އަދި އެފަދައިން ކަންތައް ކުރަނީ އިނގިރޭސިން ވަޢުދުވެފައިވާ ޑޮލަރުކޮޅު ނުލިބިދާނެތީ ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ.ޝައިޚް އިމްރާން ވިދާޅުވީ އިރާދަކުރެއްވިއްޔާ އިނގިރޭސިން ވަޢުދުވެފައިވާ އެ ޑޮލަރުކޮޅު ވެސް ރައީސް ނަޝީދަށް ގެއްލިގެންދާނެ ކަމަށާއި، އަދި ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންނަކީ ޓެރަރިސްޓުން ނޫންކަން އިނގިރޭސިންނަށް ވެސް އިރާދަކުރެއްވިއްޔާ އެނގިގެންދާނެ ކަމަށެވެ.ޝައިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި ރައީސް ނަޝީދާއި އިނގިރޭސި ސަފީރާއި ފުރަތަމަ ކުރެއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ސެކިއުލަރ ސަރުކާރެއް ޤާއިމްކުރަން ބޭނުންވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމްދީނުގެ ޙައްޤުގައި ކުރާ ބޮޑު މުޒާހަރާގައި އެއްވާ ގިނަ މީހުންނަކީ ރައީސް ނަޝީދަށް 2013 ގައި ނޫނެކޭ ބުނާނެ މީހުން ކަމަށް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ