ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފި

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަބުދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި ޖުޑީޝަލް ސާވިސްކޮމިޝަނާއި ދެކޮޅަށް އޭނާ ސުޕްރީމްކޯޓަށް ހުށައެޅުއްވި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ސުޕްރީމްކޯޓުގެ ކޯޓު ޝެޑިއުލްގައި ވާގޮތުން މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ، މާދަމާގެ މެންދުރުފަހު 13:15 އަށެވެ.
މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ކަމުގައި ސުޕްރީމްކޯޓުން ވަނީ ހާމަކޮށްފައެވެ.
ފަނޑިޔާރު ދީދީގެ މައްސަލައެއް ޖޭއެސްސީން ބަލަންފަށައި އޭނާ ސަސްޕެންޑްކޮށްފައި ވަނިކޮށް، ދީދީ ވަނީ ރާއްޖެދޫކޮށް ވަޑައިގެންފައެވެ. އަދި ދީދީ ހުށައެޅުއްވި މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު، ފަނޑިޔާރު ދީދީ އަޑުއެހުމަށް ވަޑައިގަންނަވާނެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ޖޭއެސްސީން ފަނޑިޔާރު އަބުދުﷲ ދީދީ، ސަސްޕެންޑްކުރީ އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން މިއަހަރުގެ ޖޫންމަހުގައެވެ.
އަދި ފަނޑިޔާރު ދީދީއަށް ކުރެވޭ ތުހުމަތު ތަކާއި ގުޅިގެން އޭނާ ހާޟިރުކޮށް ހުޅުވާލެވައިވާ އަޑުއެހުމެއްވެސް ބާއްވާފައި ވާއިރު، އެމައްސަލަ ތަހުޤީޤުކުރާ ކޮމިޓީން ވަނީ ފަނޑިޔާރު ކަމުން ދީދީ ވަކިކުރުމަށް މަޖިލީހަށް ހުށައެޅުމަށް ފެންނަ ކަމަށް ނިންމާފައެވެ. އަދި އެކަމާއި ގުޅިގެން ޖަވާބުދާރީ ވުމަށްވެސް ޖޭއެސްސީ ދީދީއަށް ފުރުޞަތު ދީފައި ވެއެވެ.
ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި، ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަމުރުކޮށްފަ އެވެ.
އަދި ފަނޑިޔާރު އަބުދުﷲ ދީދީ، ސްޕްރީމްކޯޓަށް ހުށައަޅުއްވާފައިވާ އެމައްސަލައަކީ ސްޕްރީމްކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމުގައިވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ފަނޑިޔާރު އަބުދުﷲ ދީދީ ހުށައަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ސުޕްރީމްކޯޓުގައި އޮންނަ އިރު، ކުރީގެ ރައީސް އަބުދުﷲ ޔާމީނުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިންގ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްވެސް މާދަމާ ކުރިމިނަލްކޯޓުގައި އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ