ޗައިނާއާ ދެކޮޅަށް ހޮންގްކޮންގ ރައްޔިތުން އަނެއްކާވެސް މަގުތަކަށް

ހޮންގްކޮންގ ސަރުކާރާއި، ޗައިނާއާ ދެކޮޅަށް އަޑުއުފުލައި ހޮންގްކޮންގެ އެތައްހާސް ބަޔަކު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.
މިފަހަރު އެމީހުން މުޒާހަރާ ބޭއްވީ، ހައި ސްޕީޑް ރޭލުގައި ޗައިނާއިން އަންނަ ފަތުރުވެރިން ހޮންގްކޮންގއަށް ފައިބާ އަދި ހޮންގްކޮންގުން ފުރާ ޓާމިނަލް ކައިރީގައެވެ. މިއީ ޗައިނާ މީހުންނަށް، މުޒާހަރާ ކުރާ މީހުންގެ އަޑު އިއްވައި، މުޒާހަރާ ކުރަމުންދަނީ ކޮން ބޭނުމެއްގައިކަން އަންގަން ކުރި ކަމެއް ކަމަށްވެއެވެ.
އިއްޔެގެ އެއްވުމަކީ، މުޒާހަރާ ކުރާ މީހުން ހޮންގްކޮންގ ގާނޫނުހަދާ މަޖިލީސް މިދިޔަ ހަފްތަގައި ހިސާރުކޮށް، އެތަނުގެ އެތެރެއަށްވަދެ ގެއްލުންދިން ހާދިސާގެ ފަހުން ހޮންގްކޮންގެ އާންމުން މަގުތަކަށް ނުކުތް ފުރަތަމަ ފަހަރެވެ.
އިއްޔެ މަގުތަކަށް ނުކުތް މީހުންވަނީ، ހޮންގްކޮންގެ ވިޔަފާރީގެ ކާރޫބާރޫބޮޑު ސިމް ޝާ ސުއި ސަރަހައްދުން ފެށިގެން ހޮންގްކޮންގ ވެސްޓްކޯލޫން ސްޓޭޝަނާ ހަމައަށް ހިނގާލުމެއް ބާއްވާފައެވެ.
އެމީހުން ބޭނުންވީ، ޗައިނާގެ ފަތުރުވެރިން މެދުވެރިކޮށް، އެމީހުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށާއި، އެމީހުން ބޭނުންވެގެން އުޅެނީ ކޮން ކަމެއްކަން ޗައިނާގެ ފަތުރުވެރިން މެދުވެރިކޮށް ޗައިނާ ސަރުކާރަށް ފޯރުކޮށްދިނުމަށެވެ.
ހޮންގްކޮންގައި ވަރުގަދަ މުޒާހަރާތަކެއްކޮށް، މަސްރަހް ނުތަނަވަސްވެފައި ވާއިރު، އެ މުޒާހަރާތަކާ ގުޅޭ އެއްވެސް ޚަބަރެއް ޗައިނާ ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮންނަ ޗައިނާގެ އެއްވެސް މީޑިއާ ވަސީލަތަކުން ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ވީޑިއޯއެއްވެސް، ފޮޓޯއެއްވެސް ނުދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ