މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކުގެ މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަނުން މިއަހަރު ހުޅުވާލި ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ފައުންޑޭޝަނުން ހުޅުވާލާފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ޔުނިވާސިޓީން ތައުލީމު ހާސިލްކުރުމުގެ ފުރުސަތެވެ. އެގޮތުން އެކި ދާއިރާތަކުން މާސްޓާސް، ބެޗެލާސް ޑިގްރީ އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މައުމޫން ފައުންޑޭޝަނުގެ ކޯސްތަކަށް ކުރިމަތިލެވެނީ 30 އަހަރުން ދަށުގެ ޒުވާނުންނަށް އެކަންޏެވެ. އެ ފައުންޑޭޝަނުގެ މެމްބަރަކަށް ނުވަތަ މެމްބަރަކާ ސީދާ އާއިލީގޮތުން ގުޅިފައިވާ މީހަކަށް މި ކޯސްތަކަށް ކުރިމަތިނުލެވޭނެ ކަަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. ކޯހަށް ކުރިމަތިލުމަށް އެދޭ ފޯމު ލިބޭނީ މައުމޫން ފައުންޑޭޝަނުގެ އިދާރީ އޮފީހުންނެވެ.
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ގެންދަނީ ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކޮންމެ އަހަރަކުވެސް ތައުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުން 9 ދާއިރާއަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ