ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން، 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ގާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތްކަމުގައި ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުން ބުނެފިއެވެ.
އެމަނިކުފާނުގެ ގާނޫނީ ޓީމުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ، ގާނޫނޫނު އަސާސީއާއި ކަމާގުޅުންހުރި އެހެނިހެން ގާނޫނުތަކާ ވެސް ޚިލާފަށް އަދި އެމަނިކުފާނުގެ ގައިރު ހާޒިރުގައި ޝަރީއަތްކޮށްގެން ކޮށްފައިވާ ހުކުމެއްކަމަށްވާތީ، އެހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކުރިނަމަވެސް، އެހުކުމެއް އިސްތިއުނާފުކުރުމުގެ ހައްގު އޮތްހާ ހިނދަކު، އެމެންބަރެއް ތަމްސީލުކުރާ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ނުބެލެވޭނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-C/46 ގަޒިއްޔާއިން ކަނޑައަޅާފައިވާކަން ގާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންކަމަށް ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު އެގޮނޑިއެއް ހުސްވެއްޖެކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެކަމަށްވެސް ގާސިމްގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް، އެހުކުމުގެ އިސްތިއުނާފީ މަރުހަލާތައް ނިމެންދެން މާމިގިލީ ދާއިރާގެ ގޮނޑިއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް އިލްތިމާސްކޮށް، 25 އޮގަސްޓް 2017 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން ދަންނަވާފައިވާކަމަށްވެސް ގާނޫނީ ވަކީލުންގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މާމިގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ގާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތް: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ