އީސީއަށް ލައްވާނީ ރައީސް އެދޭގޮތަށް ކަން ކުރައްވާނެ ބޭފުޅެއް: އިދިކޮޅު އިއްތިހާދު

އިލެކްޝަންސް ކޮމިޝަނަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މުށުތެރޭގައި ބާއްވަވަން ބައްޓަން ކުރެއްވި ތަނެއް ކަމަށާއި، އެހެންނަމަވެސް ރައްޔިތުންގެ ވިންދާ ދެކޮޅަށް ކަންކަން ކުރެއްވޭނެ ކަމަށް ހީފުޅު ނުކުރެއްވުމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން މިއަދު އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ، އެފަދަ މުއައްސަސާތައް މިނިވަންކޮށް ހިނގާނެކަން ކަށަވަރު ކުރުމަށް ރައްޔިތުން ބޭނުންވެފައިވާ ކަމަށާއި، ގާނޫނާ ހިލާފަށް ކަންކަން ކުރަން ފެށީމާ ރައްޔިތުންގެ އަޑު ގަދަވާނެ ކަމަށެވެ.
ރައްޔިތުންގެ ޖުމްލަ ވިންދާ އިހްސާސާ ދެކޮޅަށް މަސައްކަތް ކުރެއްވޭނެ ކަމަށް އެއްވެސް ބޭފުޅަކަށް ހީވެފައި އޮވެގެން ނުވާނެ ކަމަށާއި، ރައްޔިތުން އެ ފުރުސަތު ނުދޭނެ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަކީ ގާނޫނާއި ހިލާފު އެތައް ކަމެއް ކޮށްފައިވާ ތަނެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާއި ބައެއް ކައުންސިލަރުންގެ މަސައްކަތަށްވެސް އެ ކޮމިޝަނުން ހުރަސް އަޅާފައިވާ ކަމަށް ޝިފާޒް ފާހަގަ ކުރެއްވިއެވެ.
އަދި ކޮމިޝަނުގެ ރައީސް ކަމުން ސުލައިމާން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ބާރުވެރިކަން ހިންގެން ނެތިގެން ކަމަށާއި، ގާނޫނުއަސާސީގެ ހުދޫދުން ބޭރުން ކަންކަން ކުރީމާ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މަޖީލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިޖެކަމަށް ކަނޑައަޅާ އިލެކްޝަންސް ކޮމިޝަނުން ހައްދަވާފައިވަނީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުގެ ރައުޔެއް ނުލިބި ކަންކަން އަމިއްލައަށް ކުރީމާ އެކަން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށާއި، ދެން ކުރިޔަށް ކުރިޔަށް ދާނެ ގޮތެއް ނުވީމާ މަޖުބޫރުވާނީ އިސްތިއުފާ ދެއްވުމަށް ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ސުލައިމާން އިސްތިއުފާ ދެއްވަންޖެހޭ ދުވަސް ފާއިތުވިތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާތަން ފެންނަނީ ގާނޫނީ ހައިސިއްޔަތެއްނެތި ކަމަށާއި، ސީދާ ރައީސް ޔާމީން އަންގަވާހާ ގޮތަށް ކަމަށް ނަޒީރު ތުހުމަތު ކުރެއްވި އެވެ.
ސުލައިމާނުގެ ވާހަކަ ތާރީހުގައި ލިޔެވިގެންދާނީ ވަރަށް އަނދިރިކޮށްކަން ފާހަގަ ކުރައްވާ ނަޒީރު ވިދާޅުވީ މިހާރު ސިޔާސީ މަސްރަހް އެހެން ދިމާއަކަށް ބަދަލުވަމުންދާ ކަމަށާއި، އުންމީދީ މަންޒަރުތަކެއް ފެންނަމުންދާ ކަމަށެވެ.
ޑިމޮކްރެޓިކް ސަރުކާރެއް ހިނގަންވާނީ ކޯޓުތަކުގެ ހުކުމްތަކާއި އެއްގޮތަށް ކަމަށް މީގެކުރިން ރައީސް ޔާމީން ވިދާޅުވަމުން ގެންދެވި ކަމަށާއި، މިހާރު އެބަސްމަގު ބަދަލުކުރައްވައިފި ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. އެގޮތުން ސްޕްރީމް ކޯޓާއި އިލެކްޝަންސް ކޮމިޝަންވެސް ހަމަ މަގަށް އަޅުވާނީ ރައީސް ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށް ނަޒީރު ފާހަގަ ކުރެއްވި އެވެ.
ސުލައިމާނުގެ އިސްތިއުފާއާއި ގުޅޭގޮތުން ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ރައީސް ޔާމީން އަތްބާނުއްވާ މަންޒަރު މިއަދު ވަރަށް ބޮޑަށް ސާފުވެގެން ހިގައްޖެ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ގޯސްތަކެއް ހެއްދެވިފައިވާކަން ސުލައިމާންވެސް ގަބޫލުފުޅު ކުރައްވާކަން މިއަދު ދޭހަވެއްޖެ ކަމަށާއި، ދެންވެސް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރައްވާނެ ބޭފުޅެއް ކަމަށާއި، އެކަމާ ކަންބޮޑުވެލައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ